logo
banner image

މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ހަކަތައާއި ފެނާއި ނަރުދަމާގެ ޚިދުމަތްތަކުގެ އިތުރުން ގެދޮރުވެރިކަމުގެ ދާއިރާއަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން، ކޮޕް29 ގެ ރިޔާސަތާއި ކޮމަންވެލްތު ފަންޑު ފޮރ ސިޑްސް ގުޅިގެން ދޭ ހާއްސަ ހިލޭ އެހީއަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

މިކަން ރަސްމީކޮށް އިޢުލާނުކޮށްފައިވަނީ ތިމާވެށީގެ ބައިނަލްއަޤްވާމީ ސަމިޓުގެ ހަވާސާގައި ބޭއްވުނު "މޮބިލައިޒިންގ ގްރީން އެންޑް ބްލޫ އިންވެސްޓްމަންޓް ފޮރ ސިޑްސް" މަތީ ފެންވަރުގެ ބައްދަލުވުމުގައެވެ.

މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނާޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދައުލަތުގެ އަދި އަމިއްލަ ފަރާތްތަކުގެ މާލީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ހިލޭ އެހީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރަށްރަށުގައި މޫސުމީ ބަދަލުތަކަށް ފެތޭނޭހެން ޔުޓިލިޓީ ޚިދުމަތްތައް ތަރައްޤީކުރުމަށާއި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.