logo
banner image

ކަސްޓަމްސް އޮފިސަރުންނަށް އަމާޒުކޮށްގެން ސައިޓީސް (CITES) ތަމްރީނު ޕްރޮގްރާމެއް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންގޮސްފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން، ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށްގެންގޮސްފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" (ސައިޓީސް - CITES) މުއާހަދާއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވުނު ސެޝަނެކެވެ. މި ތަމްރީނުގައި ސައިޓީސްގެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނޭ ޤާނޫނީ އޮނިގަނޑާއި، ހުއްދަ ދޫކުރުމުގެ މިންގަނޑުތަކާއި، ސައިޓީސްގައި ހިމެނޭ ދިރޭތަކެތީގެ ބާވަތްތައް ދެނެގަންނާނެ ގޮތްތައް ވަނީ އޮޅުންފިލުވައިދީފައެވެ. އަދި އޮޅުވާލައިގެން ހަދާފައިވާ ވަގު ހުއްދަތައް ދެނެގަންނާނެ ގޮތްތަކުގެ އިތުރުން، ޤާނޫނީ ހަމަތަކުގެ މަތިން ވިޔަފާރިކުރުން ކަށަވަރުކުރުމަށާއި ވަގަށް އެތެރެކުރާ ދިރޭތަކެތި ހުއްޓުވުމުގައި ކަސްޓަމްސް އޮފިސަރުންގެ ދައުރާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން، ޢަމަލީ ތަމްރީނުތަކާއި ކޭސް ސްޓަޑީތައް ބޭނުންކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ސަބަބުން، ލިޔެކިޔުންތައް ޗެކްކުރުމާއި، ހުއްދަތަކުގެ ސައްޙަކަން ކަށަވަރުކުރުމުގެ އިތުރުން، ޤަވާޢިދާ ޚިލާފަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ދިރޭތަކެއްޗާމެދު ޢަމަލުކުރާނެ އިޖުރާއަތްތަކާ ގުޅޭ ޢަމަލީ ތަޖުރިބާ ބައިވެރިންނަށް ވަނީ ލިބިގެން ގޮސްފައެވެ.

ރާއްޖޭގައި ސައިޓީސް މުއާހަދާ ފުރިހަމައަށް ތަންފީޛުކުރުމަށާއި، ޤާނޫނާ ޚިލާފަށް ދިރޭތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށާއި، ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތި ޙިމާޔަތްކުރުމަށްޓަކައި ކަސްޓަމްސް އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމަކީ އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެކެވެ.