logo
banner image

ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢެއް ފަށަނީ

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ކުރިއަށްގެންދާ އެސްޕަޔަރ (ASPIRE) އަދި އެރައިޒް (ARISE) މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ނިޒާމުތައް ޤާއިމުކުރުމަށް ނިންމައިފިއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމެވެ. މި ފިޔަވަޅުގެ ސަބަބުން ދަޢުލަތުން ތެލަށްކުރާ ބޮޑު ހޭދަ ކުޑަކުރެވިގެންދާނެއެވެ.

މީގެއިތުރުން، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިންމު ލަނޑުދަނޑިއެއް ކަމުގައިވާ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެޅިގެންދާ ވަރަށް މުހިންމު ބާރެކެވެ.

އެސްޕަޔަރ އަދި އެރައިޒް މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި، މި މަޝްރޫޢުތައް ނިމުމުން ރާއްޖޭގެ ކާބަން ފުޓްޕްރިންޓް ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ވެސް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. ދުނިޔޭގެ ބޭންކުގެ އެހީތެރިކަމާއެކު ހިންގާ މި މަޝްރޫޢުތަކުގެ ސަބަބުން، ރާއްޖޭގެ ރަށްތަކަށް އިތުބާރުހުރި، ދެމެހެއްޓެނިވި އަދި އަގުހެޔޮ ހަކަތައެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.