ށ. ނޫމަރާ ކުނި މެނޭޖްކުރާ މަރުކަޒުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ
ށ. ނޫމަރާގައި ޤާއިމުކުރަމުންދާ ކުނި އަދި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު (ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު) ގެ މަސައްކަތުގެ ބޮޑުބައެއް ނިމި، މަޝްރޫޢުގެ 75 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިއްޖެއެވެ.
ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ނޫމަރާގެ ރައްޔިތުންނަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ހިންގާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތުގެ މައިގަނޑު މަސައްކަތްތައް ނިންމުމާއި، ކުނި ވަކިކޮށް ބެހެއްޓުމަށް ޚާއްޞަކުރެވިފައިވާ ބައިތަކުގެ މަސައްކަތްތަކެވެ. އަދި މަޝްރޫޢުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައްވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި މަރުކަޒު ފުރިހަމަވެ ޚިދުމަތް ދޭން ފެށުމުން، ނޫމަރާގައި އުފެދޭ ކުނި އެކަށީގެންވާ ގޮތެއްގައި އެއްކޮށް، ވަކިކޮށް އަދި އަލުން ބޭނުންކުރެވޭނެ ގޮތްތައް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން، ރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މި މަރުކަޒުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ނިޒާމުތައް ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.
