logo
banner image

ހއ. ދިއްދޫ ކުނި މެނޭޖްކުރާ މަރުކަޒުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫގައި ޤާއިމުކުރަމުންދާ ކުނި އަދި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު (ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރ) ގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށް ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން ކަމާބެހޭ ފަރާތްތަކުން ވިދާޅުވީ، ދިއްދޫގެ ކުނި މެނޭޖްކުރާ މަރުކަޒުގެ ޢިމާރާތްކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، މިހާރު މުޅި މަޝްރޫޢުގެ ބޮޑުބައެއް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

މި މަރުކަޒަކީ ދިއްދޫގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލައި، އަލުން ބޭނުންކުރެވޭނެ ވަސީލަތްތައް ވަކިކޮށް ބެލެހެއްޓުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ކުނީގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، މި މަޝްރޫޢު ނިމުމުން ދިއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި މަރުކަޒުގެ މަސައްކަތް އެއްކޮށް ނިންމައި، ވީއެންމެ އަވަހަކަށް ޚިދުމަތް ދޭން ފެށުމަށްޓަކައި ބާކީ ހުރި މަސައްކަތްތައްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ. މި މަޝްރޫޢު ނިމިގެންދާއިރު ކުނި މެނޭޖްކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް މި މަރުކަޒުގައި ޤާއިމުކުރެވިގެންދާނެއެވެ.