logo
banner image

އޭޑީބީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، މިނިސްޓަރ ޢަލީ ޝަރީފާ ބައްދަލުކުރައްވައިފި

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހޯ ޔުން ޖިއޮންގ، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފު އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އޭޑީބީއާ ދެމެދު ތިމާވެށްޓާއި، ހަކަތައާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން، މި ބައްދަލުކުރެއްވުމުގެ ތެރެއިން، އޭޑީބީން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ކަންޓްރީ ޑިރެކްޓަރ ޖޫންހޯ ހުވަންގް ވަނީ މިނިސްޓަރ ޢަލީ ޝަރީފު ތަޢާރަފުކޮށްދެއްވާފައެވެ.

މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އޭޑީބީގެ އެހީތެރިކަމާއެކު މިފަދަ މުހިންމު މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ޝައުޤުވެރިކަން ދެފަރާތުން ފާޅުކުރެއްވިއެވެ.