ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔާޑް) ފައިސަލް ރަސޫލް ލޯދީ މިއަދު ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ، ސަފީރު ލޯދީ އެމަނިކުފާނުގެ ސަފީރުކަމުގެ މުއްދަތުގައި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ހާސިލުކުރެއްވި ކާމިޔާބީތައް ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވިއެވެ. ސަފީރު ލޯދީ ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތައް އިތުރުކުރެއްވުމަށް އެ ޤައުމުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ ޚާރިޖީ ގުޅުމުގެ އިތުރުން ވެސް ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރި ގާތް ގުޅުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، އެކިއެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ކަންކަމާއި، ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން މުހިންމު ދާއިރާތައް ކަމުގައިވާ ޞިއްޙީ، ތަޢުލީމީ އަދި އިޖުތިމާޢީ ދާއިރާއިން ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ވަކިން ޚާއްޞަކޮށް ފާހަގަކުރައްވައި، އެކަމަށްޓަކައި ޚާރިޖީ ވަޒީރު އިރުތިޝާމް ޝުކުރު އަދާކުރެއްވިއެވެ.
ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ، ސްޓޭޓް މިނިސްޓަރ އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދު، ސެކްރެޓަރީ އަލްފާޟިލާ ޢާއިޝަތު ޝާން ޝާކިރު، އެޑިޝަނަލް ސެކްރެޓަރީ އަލްފާޟިލާ އާމިނަތު ޢަބްދުﷲ ދީދީ އަދި އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާފާޠިމަތު ލިއުޝާ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
