logo
banner image

ނޫސްބަޔާން: "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫޢު އާއި ގުޅޭ މުހިއްމު އެއްބަސްވުމެއްގައި ސޮއިކުރުން

ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އަބޫދާބީގެ ސަރޙް ގްރޫޕް ފޮރ ޓެކްނިކަލް ސަރވިސަސް އެލް.އެލް.ސީ (ސަރޙް ގްރޫޕް) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ހިމެނޭގޮތަށް ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް، އަދި އިޤްޠިޞާދީ މައި މަރުކަޒެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އެސް.ޓީ.އޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމެވެ. އަދި ސަރޙް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާ، ޗީފް އެގްޒެކެޓިވް    އޮފިސަރު – ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓެވެ.

ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީއަށް ނިސްބަތްވާ ސަރޙް ގްރޫޕަކީ، 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ޙަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ، ޒަމާނީ ބަނދަރަކާއި ގުޅުންހުރި އެންމެހައި ވަޞީލަތްތައް އެކުލެވޭ ފުރިހަމަ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައެވެ.

 

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާ އަދި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެފައިވާ ވަޢުދެކެވެ. އަދި މީގެ އިތުރުން "ވިޝަން 2040" ގެ ދުރު ރާސްތާ އިޤްޠިޞާދީ ތަޞައްވުރުގެ ދަށުން، ރާއްޖޭގެ އިޤްޠިޞާދު ސިންދަފާތުކުރުމަށް އެޅޭ މުހިންމު ބިންގަލެކެވެ. އިންޓަރނޭޝަނަލް މެރިޓައިމްގެ މައި މަގެއް ކަމުގައިވާ 8-ޑިގްރީ ޗެނަލްއާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ އިސްތިރާޖީ ސަރަޙައްދު ކެޕިޓަލައިޒްކުރުމަށް އެންމެ އެކަށޭނަ އެއް ސަރަޙައްދެވެ.

މި މަޝްރޫޢުގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮމަރޝަލް ބަނދަރަކާއި، މެރިޓައިމް އަދި ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ އިތުރުން، ފަތުރުވެރިކަމާއި އެހެނިހެން ޚިދުމަތްތައް އެކުލެވޭ ގޮތަށް ސަރަޙައްދު ތަރައްޤީކުރުން ހިމެނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިޤްޠިޞާދީ ޙަރަކާތްތައް އިތުރުވެ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ވިޔަފާރީގެ ވިއުގައިގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެ ވަރުގަދަވެގެންދާނެއެވެ.

ފާއިތުވި އަހަރު ތަކުގައި އެކި ސަރުކާރުތަކުން އިހަވަންދިއްޕޮޅު ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، މިއަދު ސޮއިކުރެވުނު މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެޅި ހަރުދަނާ ފިޔަވަޅެކެވެ. މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެއެވެ.

ދިވެހި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު އެންމެ ފުރިހަމައަށް ޙިމާޔަތްކުރެވި، ދިވެހި އިޤްޠިޞާދަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ލިބޭނެހެން މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމެވެ. އަދި 2040 އާއި ހަމައަށް ދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމެވެ.