ހުރަވީ ދުވަހުގެ ޚާއްޞަ ޖަލްސާ ވަޒީރު ހީނާ ވަލީދު ޝަރަފުވެރިކޮށްދެއްވައިފި
ފަންނާއި ސަގަފަތާއި ތަރިކައާ ބެހޭ ވުޒާރާ އަދި މާލެ އަތޮޅު ހުރާ ކައުންސިލް ގުޅިން ބޭއްވި 1448 ވަނަ އަހަރުގެ ހުރަވީ ދުވަގުގެ ޚާއްޞަ ޖަލްސާ ވަޒީރު ހީނާ ވަލީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ހުރާގެ ރަންކަނޑޫ މާލަމުގައި ނޮވެންބަރު 14 ވަނަ ދުވަހު ބޭއްވި މި ޚާއްޞަ ޖަލްސާ ކީރިތި ޤުރުއާނުގެ ބަރަކާތުން ފެއްޓެވީ ހުރާ ސްކޫލްގެ ދަރިވަރު މުޙައްމަދު އަލްޔަން ފަޔާޒްއެވެ. އަދި ޖަލްސާގެ ތާޢާރަފަށްފަހު ޖަލްސާގައި ކުރިއަށްދިޔައީ ދުވަހާ ގުޅޭ ޚާއްޞަ މަރުޙަބާ އައިޓަމެކެވެ. މިއައިޓަމް ހުށަހަޅައިދިނީ ހުރާ ސްކޫލުގެ ގްރޭޑް7 އަދި 8 ގެ އަންހެން ދަރިވަރުންނެވެ. އަދި ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވީ ކައުންސިލްގެ ނައިބު ރައީސާ ޔުސްރިއްޔާ ރަޝީދު އެވެ.
މި ރަސްމިއްޔާތުގައި ހުރަވީ ދުވަހަށް ޚާއްޞަކޮށްގެން ބޭއްވުނު ކުރެހުމުގެ މުބާރާތުން ވަނަވަނައަށް ހާސިލުކޮށްފައިވާ ބައިވެރިންނަށް ފައިސާގެ ރަމްޒީ ޗެކާއި އަދި ޓްރޮފީ ހަވާލުކުރެވުނެވެ. މި ބައިވެރިންނަށް ރަމްޒީ ޗެކް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ މިޖަލްސާގެ ޝަރަފުވެރި މެހެމާނު ވަޒީރު ހީނާ ވަލީދުއެވެ. މި މުބާރާތުން އެއްވަނަ އަލާކް އާދަމް ނަޒީލް ހޯދާފައިވާއިރު ދެވަނަ ހޯދާފައި ވަނީ މަރިޔަމް އަޒުހާ ސުޖާއު އެވެ. އަދި ތިންވަނަ ހޯދާފައި ވަނީ އާމިނަތު ނަދުހާ ޝުޖާއު އެވެ. މި އައިޓަމަށްފަހު ވަޒީރު ހީނާ ވަލީދު ވަނީ ހުރަވީ ދުވަހާ ގުޅޭގޮތުން ޖަލްސާގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ހުރަވީ ދުވަހުގެ މި ޖަލްސާ ޝަރަފުވެރިކޮށްދެއްވިކަމަށްޓަކައި ހުރާ ކައުންސިލްގެ ފަރާތުން ވަޒީރު ހީނާ ވަލީދަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ވަޒީރު ހީނާ ވަލީދާ ހަވާލުކޮށްދެއްވީ ހުރާ ކައުންސިލް މެމްބަރު ޙަސަން ނަސީޙް އެވެ.
މިޖަލްސާ ނިމިގެން ދިޔައީ ގައުމީ ސަލާމުންނެވެ. މި ޖަލްސާގައި ހުރާ ކައުންސިލާއި ހުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ހުރާސް ސްކޫލް ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނެވެރިންވެސް ބައިވެރިވެލެއްވިއެވެ.
