ޤައުމުގެ ދިފާޢުގައި ދޮންބަންޑާރައިން ތެދުވެވަޑައިގެންނެވީ ލިބިދާނެ ވެރިކަމުގެ މޮޅަކަށް ނޫން: ވަޒީރު ހީނާ ވަލީދު
ޤައުމުގެ ދިފާޢުގައި ދޮންބަންޑާރައިން ތެދުވެވަޑައިގެންނެވީ ލިބިދާނެ ވެރިކަމުގެ މޮޅަކަށް ނުވަތަ ހޯދިދާނެ ޝަރަފަކަށް ނޫން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ކ. ހުރާ ކައުންސިލާއި ގުޅިގެން ނޮވެންބަރު 14 ވަނަ ދުވަހު ހުރާގައި ބޭއްވި ހުރަވީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދޮންބަންޑާރައިންނަށް ދިވެހި ތަޚުތު ވެދުން ކުރެވުނު ހިނދު ކުރެއްވީ އިންކާރުކަމަށާއި އެހެންނަމަވެސް އަމާނަތްތެރިކަން އިސްކުރައްވާ ހޮޅީންގެ ބަންދުގައި ހުންނެވި ދިވެހި ރަސްގެފާނަށް ވަފާތެރިކަން އަދާކުރެއްވިކަމަށެވެ. އަދި އަމިއްލަފުޅަށް މިލްކު ކުރެވޭން އޮތް ވެރިކަމަށް އެ ރަދުންގެ ބޭފުޅަކު ލައްވައިގެން އެރަސްކަން ހިންގައިދެއްވި ކަމަށާއި ދޮން ބަންޑާރައިންނަކީ ބަޠަލެއްގެ އައުލާ މިސާލެއް ކަމުގައެވެ.
ދޮން ބަންޑާރައިން ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ޚާއްސަ ވެގެންދަނީ ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވީމައެއް ނޫންކަމަށާއި އެއީ މުޅި ދިވެހި އުއްމަތަށް ޢިބުރަތުން ފުރިގެންވާ ފިލާވަޅުތަކެއް ދޫކުރެއްވި ޝަޚުސިއްޔަތެއް ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެއީ އަޚުލާގުގެ ހަރުދަނާކަމާ މިސާލީ ދިރިއުޅުމެއް ދެއްކެވި ނަމޫނާ ޝަހުސިއްޔަތެއްކަން ބަޔާންކުރައްވައި، ހުރަވީ ދުވަހުގެ ބަޠަލު އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންގެ ޙަޔާތްޕުޅަކީ ކިޔާލަން ރީތި ވާހަކައެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ހޮޅީން ރާއްޖެ އަޅުވެތިކުރި ޢަމަލު ރޭވީ އެއްބަނޑު އެއްބަފާ ޣަދަރުވެރި ދެ ދިވެއްސެއްގެ ޚިޔާނާތުގެ ސަބަބުންކަމަށާއި އަދި އެ ދެ ޣަދަރުވެރިންގެ ވާހަކައާއި އެ މީހުންގެ ނިމުން އައި ގޮތް ވަޒީރުގެ ވާހަކަފުޅުގައި ތަފްސީލުކޮށް ވިދާޅުވިއެވެ. މި ހިތާމައިގައި ދިވެހީން ތިބީ ތިންމަހެއްހާ ދުވަހު ކަމަށާއި ވިއްސިވިހާލިވެފައި އޮތް ދިވެހި ލަޝްކަރީންނަށް ހިތްވަރު ދެއްވާ އަލުން އެ ލަޝްކަރު ރުކުރުވާލައްވައި 200 ބޭކަލުންގެ ލަޝްކަރަކާއި އެކު ނިކުންނަވާ ދިވެހި ޤައުމު އަލުން މިނިވަން ކުރެއްވި ބަޠަލަކީ އަލްޣާޒީ ޙަސަން ޢިއްޒުއްދީނު ނުވަތަ މުލީގޭ ދޮންބަންޑާރައިންކަން ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ވަޒީރު ހީނާ ވަލީދުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ޢަޒުމް ކަނޑައަޅައި ލިބިގަންނަންވީ މުހިއްމު ފިލާވަޅުތަކެއް އެބަހުރިކަން ބަޔާންކުރައްވަމުންނެވެ. އެއީ ޤައުމުދެކެ ލޯބިވުމާއި ޤައުމު އިސްކުރުމުގެ އިތުރުން އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހާ ރިވެތި އަޚްލާޤީ ސިފަތައް ދަމަހެއްޓުން ކަމުގައި ވިދާޅުވިއެވެ.
