logo
banner image

ފެނަކީ ނިޢުމަތެއް: "ރެސްޕެކްޓް އެވްރީ ޑްރޮޕް" ކެމްޕޭނާއެކު އިސްރާފު ނުކުރުމަށް ގޮވާލައިފި

ފެނުގެ ކޮންމެ ތިއްކަކަށް ޤަދަރުކުރުމުގެ މުހިންމުކަން ހަނދާންކޮށްދީ، ފެން އިސްރާފުކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން "ރެސްޕެކްޓް އެވްރީ ޑްރޮޕް" (#RESPECT EVERY DROP) ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ.

މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ދިރިއުޅުމުގެ ކުދިކުދި އާދަތަކުގެ ތެރެއިން ފެން ރައްކާތެރިކުރުމުގެ މުހިންމުކަން އަންނަން އޮތް ޖީލުތަކަށް ދަސްކޮށްދިނުމެވެ. އެގޮތުން، ކޮންމެ ކަމަކަށްވެސް ދޭންޖެހޭ ޙަޤީޤީ ޤަދަރާއި އިޙްތިރާމް ފެށިގެން އަންނަނީ އަމިއްލަ ގޭތެރެއިން ކަމަށްވާއިރު، ކުޑަކުދިންނަށް ފެން އިސްރާފު ނުކުރުމުގެ ރަނގަޅު އާދަތައް ދަސްކޮށްދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަން މި ހަރަކާތުގެ ތެރެއިން ފާހަގަކޮށްފައިވެއެވެ.

ފެނަކީ މާތް ﷲ ދެއްވާފައިވާ އަގުބޮޑު ނިޢުމަތަކަށްވާއިރު، އަޅުގަނޑުމެންގެ އިސްކުރުތަކާ ހަމައަށް ސާފު، ރައްކާތެރި ބޯފެން ފޯރުކޮށްދެވެނީ އެތައް ބައެއްގެ ބުރަ މަސައްކަތާއި އަގުހުރި ވަގުތު ހޭދަކޮށްގެންނެވެ. އެހެންކަމުން، އެ މަސައްކަތުގެ އަގުވަޒަންކޮށް، ފެން ބޭނުންކުރުމުގައި ޒިންމާދާރުވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

މި ކެމްޕޭނުގައި އިލްތިމާސްކޮށްފައިވަނީ އަތްދޮވުމާއި، ދަތްއުނގުޅުމާއި، އަދި ސައިބޯނި ލާ ވަގުތުތަކުގައި އިސްކުރު ބަންދުކޮށްފައި ބެހެއްޓުމަށެވެ. އަދި ހަމައެކަނި ބޭނުންވާ މިންވަރަށް ފެން ބޭނުންކުރުމުގެ އާދަ އަށަގެންނެވުމަކީ ފެން އިސްރާފުވުމުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

"ރެސްޕެކްޓް އެވްރީ ޑްރޮޕް" ހަރަކާތުގެ ދަށުން، ފެން ރައްކާތެރިކުރުމަށް ގޭތެރޭގައާއި މަސައްކަތުގެ މާޙައުލުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.