4ވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ނިންމާލައިފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން، މިއަހަރު ހިންގި 4 ވަނަ "ބޭސިކް މެރިކަލްޗާ ޓްރެއިނިންގ ކޯސް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި، އޮކްޓޫބަރު 31 އިން ނޮވެމްބަރު 12 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީނު ކޯހުގައި ރާއްޖޭގެ 9 އަތޮޅަކުން 11 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މިއީ މިއަހަރު މި ސިލްސިލާގެ ދަށުން ބޭއްވުނު 4 ވަނަ ކޯހެވެ.
މީގެއިތުރުން، މި ޕްރޮގްރާމްގެ ދަށުން 2027 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކުވެސް 4 ކޯސް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމެނޭ ވަޢުދުތަކުގެ ތެރެއިން، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރުމުގެ ފަންނީ ހުނަރާއި އެކުއަކަލްޗަރގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ފެށިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ. މީގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި މެރިކަލްޗަރގެ ޞިނާޢަތެއް ބިނާކުރުމަށްޓަކައި، މި ދާއިރާއިން ބޭނުންވާ ފަންނީ އަދި ޤާބިލު އިންސާނީ ވަސީލަތް ތަރައްޤީކުރުމެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) ގުޅިގެން، ވޯލްޑް ބޭންކުގެ "ޓްރާންސްފޯމް" ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ހިންގާ މި ކޯހުގައި މުހިންމު ދާއިރާތަކަކަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި އެކުއަކަލްޗަރ ނިޒާމުތަކާއި، ދިރޭ ކާނާ އުފެއްދުމާއި، ފާނައާއި ހުއިފިލަނޑާ އަދި ކްލައުން ފިޝް (މާގަނޑުމަސް)، އިތާމުތް އަދި ސީވީޑް އާލާކުރުމުގެ އިތުރުން، އެ ތަކެއްޗަށް ޖެހޭ ބަލިތައް ދެނެގަނެ ފަރުވާކުރާނެ ގޮތްތައް ހިމެނެއެވެ. އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި މެރިކަލްޗަރ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކުގެ ތިއަރީ މަޢުލޫމާތާއި، ފާނައާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ ޢަމަލީ ތަމްރީނު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މީގެއިތުރުން، މެރިކަލްޗަރ އުފެއްދުންތަކަށް ހުރި ވިޔަފާރީގެ ފުރުޞަތުތަކާއި މާކެޓްކުރާނެ ގޮތްތަކާ ގުޅޭ ޚާއްޞަ ސެޝަނެއް ކުރިއަށްގެންދިޔުމުގެ އިތުރުން، ދާއިރާގެ ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ބ. ފެހެންދޫގައި އަމިއްލަ ފަރާތަކުން ހިންގާ ސީވީޑް ފާމަކަށް ބައިވެރިން ޒިޔާރަތްކޮށް މަޢުލޫމާތު ހޯދާފައިވެއެވެ.
