ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫޢެއް ޙަވާލުކޮށްފި
ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަ މަޝްރޫޢެއްގެ މަސައްކަތް ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުންނާއި ސްޓެލްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދީ، ރަށްރަށުގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ފުޅާ ދާއިރާއެއްގައި އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މި ޚިދުމަތްތައް މެދުނުކެނޑި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ލިބެމުންދާނެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް މި އެއްބަސްވުންތަކުގެ މުހިންމު ބޭނުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާއިރު، ސްޓެލްކޯއާ މި މަސައްކަތްތައް ޙަވާލުކުރުމަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމެކެވެ.
