"ރިވެލި އެވޯޑު" 2026: ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް
އަމިއްލަ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާއިން 2026 ވަނަ އަހަރުގެ "ރިވެލި އެވޯޑު" ޙާސިލުކޮށްފައިވާ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ އެންމެންގެ ޙިއްޞާ އޮތް، އެންމެން ޝާމިލުވާ ދާއިރާއަކަށް ހެދުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މުޖުތަމަޢުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގައި އަމިއްލަ އިސްނެގުމާއެކު ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ ރިސޯޓެކެވެ.
ކޮންރެޑް މޯލްޑިވްސްއިން ސާބިތުކޮށްދެމުންދަނީ ނުކުޅެދުންތެރިކަމަކީ ވަޒީފާގެ މައިދާނުގައި ކުރިއަށްދިއުމަށް އޮތް ހުރަހެއް ނޫންކަމެވެ. އެގޮތުން، މި ވަގުތުވެސް ނުކުޅެދުންތެރިކަން ހުންނަ 3 މުވައްޒަފަކު އެ ރިސޯޓުގެ އެކި ދާއިރާތަކުގައި ޚިދުމަތް ކުރަމުން އަންނައިރު، އޭގެ ތެރޭގައި އެ ރިސޯޓުގައި އިންޓަރންޝިޕް ފުރިހަމަކުރުމަށްފަހު، އެ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދީގެން ދާއިމީ ވަޒީފާ ޙާޞިލުކޮށްފައިވާ މުވައްޒަފުންވެސް ހިމެނޭކަމީ މި މަސައްކަތްތުގައި ލިބިގެންދިޔަ ފަޚުރުވެރި ކާމިޔާބީއެކެވެ.
މީގެ އިތުރުން، ރިސޯޓު މާޙައުލަކީ އެންމެން ޝާމިލުވާ، އަދި ހުރިހާ މުވައްޒަފުންނަށްވެސް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭ ފަދަ އަމާން ރައްކާތެރިތަނަކަށް ހެދުމަށްޓަކައި ކޮންރެޑް މޯލްޑިވްސްއިން ޚާއްޞަ އިސްކަމެއްދެއެވެ. އެގޮތުން، މުވައްޒަފުން އަހުލުވެރިކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންގެ މަސައްކަތުގެ މާޙައުލަށް ގެންނަންޖެހޭ އެކަށޭނަ ސަބަބުވެރި ބަދަލުތައް (reasonable accommodations) ވެސް އެ ރިސޯޓުން އަންނަނީ ފަހިކޮށްދެމުންނެވެ.
ހަމައެހެންމެ، ހަމައެކަނި ރިސޯޓުގެ އެތެރޭގެ އިންތިޒާމުތަކުން ފުރުޞަތުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، މުޖުތަމަޢުގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ ގޮތުން، ކައިރި ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން ބާރުވެރިކުރުވުމަށްވެސް ކޮންރެޑް މޯލްޑިވްސްއިން އަންނަނީ ޢަމަލީ ގޮތުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. މިގޮތުން، އެ ސަރަޙައްދުގެ ރަށްރަށުގެ ސްކޫލްތަކުގައި ހުންނަ ސެން (SEN) ކްލާސްތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، އެ ދަރިވަރުންގެ ތަޢުލީމީ މާޙައުލު ފަހިކޮށްދިނުމަށް ބޭނުންވާ ބީންބޭގް ފަދަ މުހިންމު ވަސީލަތްތައް ހަދިޔާކޮށް، ދަރިވަރުންގެ ތަޢުލީމީ ބިންގާ ވަރުގަދަކުރުމަށް ވަނީ އެހީތެރިވެދީފައެވެ.
ކޮންރެޑް މޯލްޑިވްސް ފާހަގަކުރެވިގެންދަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގައި އަގުހުރި ބައެއްގެ ގޮތުގައި ބަލައިގަނެ، އެ ފަރާތްތައް ޝާމިލުކުރަނިވި މާޙައުލެއް ފަތުރުވެރިކަމުގެ ސިނާޢަތުގައި ޤާއިމުކުރުމުގައި އެންމެ އިސް ސަފުގައި ޙަރަކާތްތެރިވާ، އަދި އެހެން ކުންފުނިތަކަށް މިސާލު ދައްކައިދޭ ނަމޫނާ ރިސޯޓެއްގެ ގޮތުގައެވެ.
