logo
banner image

"ރިވެލި އެވޯޑު" 2026: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން 2026 ވަނަ އަހަރުގެ "ރިވެލި އެވޯޑު" ޙާސިލުކޮށްފައިވާ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އަކީ މުޖުތަމަޢުގެ އެންމެހައި ފަރުދުން ޝާމިލުކޮށްގެން ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށް އިސްނަގައިގެން އަގުހުރި މަސައްކަތްތަކެއް ކުރަމުން އަންނަ ނަމޫނާ ކުންފުންޏެކެވެ.

އެގޮތުން، އެޗް.ޑީ.ސީ ފާހަގަކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތަކާއި އެފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމުގެ ތަމްރީނުތައް ފަހިކޮށްދީ، ހަމަހަމަކަމާއި އޯގާތެރިކަމާއެކު އެންމެނަށް ޝާމިލުވެވޭނެ އެކަށޭނަ މާޙައުލެއް ވަޒީފާގެ ދާއިރާގައި ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއްދޭ ކުންފުންޏެއްގެ ގޮތުގައެވެ. އެ ކުންފުނީގެ ތަފާތު އެކި ދާއިރާތަކާއި މަޤާމުތަކުގައި، މިއަދާހަމައަށް ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 46 މުވައްޒަފުން ދަނީ ޚިދުމަތްކުރަމުންނެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށާއި، މުޖުތަމަޢުގައި އެފަދަ ފަރާތްތަކުގެ ކުރިއެރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކުގައި އެޗް.ޑީ.ސީ އަދާކުރަމުންދާ އިސް ދައުރު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.

ވަޒީފާގެ ވެށި އެންމެހައި ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި، އެޗްޑީސީގެ އޮފީސް ޢިމާރާތަށް ވަނީ ޒަމާނީ އަދި އެކަށޭނަ ބަދަލުތަކެއްވެސް ގެނެސްފައެވެ. ވަކިން ޚާއްޞަކޮށް، ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ބޭނުންކުރާ ސަލާމަތީ ނިޒާމުތައް އެޗްޑީސީގެ އޮފީސް ޢިމާރާތުގައި ފަރުމާކޮށްފައިވަނީ، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނާއި ކަސްޓަމަރުންނަށްވެސް ފަސޭހައިން މަޢުލޫމާތު ލިބި، ސަމާލުވެވޭނެ އިންތިޒާމުތަކާއެކުގައިކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، ހުޅުމާލޭގެ ބިނާރާއި ޢުމްރާނީ ތަރައްޤީގެ މައިގަނޑު މަސައްކަތްތައް ކުރަމުން އަންނަ ކުންފުންޏަކީ އެޗްޑީސީ ކަމަށްވާއިރު، ރަށުގެ މާސްޓަރ ޕްލޭނާއި ތަރައްޤީގެ އެކި މަޝްރޫޢުތައް އެކުލަވައިލުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްޞަ ބޭނުންތަކަށް ފުރިހަމައަށް އެ ކުންފުނިންއަންނަނީ ރިޢާޔަތްކުރަމުންނެވެ. އެގޮތުން މަގުމައްޗާއި އާންމު ޕާކުތަކާއި ޢިމާރާތްތަކަކީ ހުރަހެއްނެތި އެފަދަ ފަރާތްތަކަށް ބޭނުންކުރެވޭނެ ތަންތަން ކަމުގައި ހެދުމަށް އެކުންފުނިން ދެއްވާ އިސްކަމަކީ، ޝާމިލު މުޖުތަމަޢެއް ބިނާކުރުމަށް އެ ކުންފުނިން ގެންގުޅޭ ދުރުވިސްނުމުގެ ހެޔޮ ނަތީޖާއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މި ދާއިރާއިން ދައްކުވައިދޭ ނަމޫނާއާއި، މުޖުތަމަޢަށް ކޮށްދެމުންދާ އަގުހުރި ޚިދުމަތްތަކަކީ ޤައުމީ ފެންވަރުގައި ބަލައިގަނެވި، ޝުކުރު ޙައްޤު މަސައްކަތްތަކެކެވެ.