logo
banner image

ފާޠިމަތު މުޙައްމަދު: "ރިވެލި އެވޯޑު" 2026 ޙާސިލުކުރައްވާފައިވާ ފަރާތެއް

ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން 2026 ވަނަ އަހަރުގެ "ރިވެލި އެވޯޑު" ޙާސިލުކުރެއްވި އަލްފާ، ފާޠިމަތު މުޙައްމަދު، ހދ. ކުޅުދުއްފުށި، އަލްފާއަކީ، ތަޢުލީމީ ދާއިރާގައި، ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޙައްޤުގައި ނަމޫނާ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ލާމަސީލު ޝަޚްޞިއްޔަތެކެވެ.

ފާޠިމަތު މުޙައްމަދަކީ، 2007 ވަނަ އަހަރުން ފެށިގެން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ވަރުބަލިކަމެއްނެތި، އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ކަނބަލެކެވެ. ފާޠިމަތު މުޙައްމަދަގެ ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާގެ ބޮޑު ބައެއް ހޭދަކުރައްވާފައިވަނީ މިފަދަ ކުދިންނަށް މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތުތަކެއް ހޯއްދަވައިދެއްވައި، އެ ކުދިންގެ ކިބައިގައިވާ ހުނަރުތައް ކުރިއެރުވުމަށެވެ.

އެގޮތުން، މި ދާއިރާގައި ވޭތުކުރެއްވި 19 އަހަރުގެ ދިގު މުއްދަތުގައި ފާޠިމަތު މުޙައްމަދު ދައްކަވާފައިވާ ޤާބިލުކަމާއެކު، މިއަދު ފާޠިމަތު މުޙައްމަދު ހުންނެވީ ލީޑިންގ ޓީޗަރެއްގެ މަޤާމުގައެވެ. އަދި މި މަޤާމުގައި ހުންނަވައިގެން، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަންނައިދޭނެ އެހެން މުދައްރިސުން ބިނާކުރައްވައި، އެ ބޭފުޅުންގެ ފަންނީ ހުނަރު ތަރައްޤީކުރެއްވުމުގެ އިސް ސަފުގައި ފާޠިމަތު މުޙައްމަދު ގެންދަވަނީ އަގުހުރި މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިރޭ ފާޠިމަތު މުޙައްމަދު ޙާޞިލުކުރެއްވި ޝަރަފުވެރި "ރިވެލި އެވޯޑު"ން ރަމްޒުކޮށްދެނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމީ ވެށި ޝާމިލުކުރުވަނިވި ތަނަކަށް ހެދުމަށްޓަކައި އޭނާ ކުރައްވާ ބުރަ މަސައްކަތެވެ. އަދި އެފަދަ ކޮންމެ ދަރިވަރެއްގެ އުޖާލާ ކުރިމަގަށްޓަކައި، އެއްވެސް ފަސްޖެހުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ދައްކަވަމުން ގެންދަވާ މިންނެތް ހިތްވަރާއި، ކެތްތެރިކަމާއި، ސާބިތުކަމުގެ އަގުވަޒަންކުރުމެވެ. ފާޠިމަތު މުޙައްމަދަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ޖީލު ބިނާކުރުމުގައި، ވަކިން ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމަޢަށް ނެރެދިނުމުގައި މުޅި ޤައުމު ފަޚުރުވެރިވާފަދަ ޚިދުމަތްތެރިއެކެވެ.