އަމީނިއްޔާ ސްކޫލް: ނުކުޅެދުންތެރިކަން ފަރާތްތަކަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާއިން 2026 ވަނަ އަހަރުގެ "ރިވެލި އެވޯޑު" ޙާސިލުކުރެއްވި ސްކޫލް
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާއިން 2026 ވަނަ އަހަރުގެ "ރިވެލި އެވޯޑު" ޙާސިލުކުރެއްވި އަމީނިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ފަޚުރުވެރި ދިގު ތާރީޚެއް އޮތް، އަދި ޤައުމީ ޚިދުމަތުގައި ނަމޫނާ ދައްކަމުންދާ ސްކޫލެކެވެ.
އަންހެން ދަރިވަރުންނަށް ޚާއްޞަކޮށްގެން 1944 ވަނަ އަހަރު ތަޢުލީމު ދޭން ފެށި މި ސްކޫލަކީ، ޒަމާނަށް އަންނަ ބަދަލުތަކާއެކު މުޅި މުޖުތަމަޢު ޝާމިލުވާނޭހެން ތަޢުލީމު ފޯރުކޮށްދިނުމުގައި އަބަދުވެސް އިސް ސަފުގައި ހަރަކާތްތެރިވާ ސްކޫލެކެވެ. ވަކިން ޚާއްޞަކޮށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތަޢުލީމީ އަދި އިޖުތިމާޢީ ކުރިއެރުމަށާއި، އެ ކުދިން މުޖުތަމަޢުގައި ބައިވެރިކުރުމަށް އަމީނިއްޔާ ސްކޫލުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
އެގޮތުން، ދެޖިންސުގެ ކުދިން ހިމެނޭހެން، ނުކުޅެދުންތެރިކަން ހުންނަ 196 ދަރިވަރުން މިހާރުވެސް ދަނީ އެ ސްކޫލުގައި ތަޢުލީމު ޙާޞިލުކުރަމުންނެވެ. މި ދަރިވަރުންގެ އުނގެނުމުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށާއި، ކޮންމެ ކުއްޖެއްގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 38 މުވައްޒަފުންގެ ހީވާގި ޓީމަކުން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ގެންދެއެވެ.
ހަމައެހެންމެ، އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އެންމެ އެކަށޭނަ ތަޢުލީމެއް ފޯރުކޮށްދިނުމުގައި އަމީނިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ފިޔަވަޅު އެޅި ސްކޫލެވެ. އެގޮތުން، އިންޑިވިޖުއަލައިޒްޑް ކަރިކިއުލަމް ޕްލޭން (އައި.ސީ.ޕީ) ތައްޔާރުކޮށް، ދަރިވަރުންގެ ހުންނަ ނުކުޅެދުންތެރިކަމުގެ ބާވަތަށާއި ފެންވަރަށް ރިޢާޔަތްކޮށްގެން ތަޢުލީމު ފޯރުކޮށްދޭން ފެށި ފުރަތަމަ ސްކޫލަކީ އަމީނިއްޔާ ސްކޫލެވެ. މިއީ ރާއްޖޭގެ ޝާމިލު ތަޢުލީމީ ނިޒާމަށް ގެނެވުނު އިންގިލާބީ ބަދަލެއްކަން ޔަޤީނެވެ.
ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުމަށާއި، އެފަރާތްތަކާއި މެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޚާއްޞަ ވީޑިއޯތައް އުފައްދައި، މީސްމީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް އާންމު ކުރުމުގެ އިތުރުން، އަމީނިއްޔާ ސްކޫލުގެ މުޅި މާޙައުލަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދަ "އެކްސެސިބިލިޓީ" އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސާފައިވާ ރައްކާތެރި މާޙައުލެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަކީވެސް ތަފާތު ހުނަރުތަކުން ފުރިގެންވާ، ޤާބިލު ބައެއްކަން ސާބިތުކޮށްދިނުމަށް އަމީނިއްޔާ ސްކޫލުން އަބަދުވެސް އިސްކަންދެއެވެ. އެގޮތުން، ދަރިވަރުންގެ އަމިއްލަވަންތަކަމާއި ހުނަރުތައް ފާހަގަކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ އެކި މުބާރާތްތަކާއި ހަރަކާތްތަކުގައި އެ ދަރިވަރުން ބައިވެރިވުމުގެ ފުރުޞަތު ސްކޫލުން ފަހިކޮށްދީ އެ ދަރިވަރުންނަކީ މުސްތަޤްބަލުގައި މުޖުތަމަޢަށް ބޭނުންތެރި، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ބަޔަކަށް ވުމަށް ބާރުއަޅައިދެއެވެ.
އެއްވެސް ކުއްޖަކު ބާކީނުކޮށް، އެންމެން ޝާމިލުވާނޭހެން ކުރިއަށްދިއުމުގެ ރީތި ނަމޫނާ ދައްކަމުންދާ މި ސްކޫލަކީ، ދިވެހިރާއްޖޭގެ އެހެން ހުރިހާ ސްކޫލްތަކަށްވެސް ލާމަސީލު ނަމޫނާއެކެވެ.
