logo
banner image

ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު: "ރިވެލި އެވޯޑު" 2026 ޙާސިލުކުރައްވާފައިވާ ފަރާތެއް

އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން 2026 ވަނަ އަހަރުގެ "ރިވެލި އެވޯޑު" ޙާސިލުކުރެއްވި ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު، ށ. ބިލެތްފަހިއަކީ، ނުކުޅެދުންތެރިކަމަކީ ކާމިޔާބީއަށް އެޅޭ ހުރަހެއް ނޫންކަން އަމަލީ ގޮތުން ސާބިތުކޮށްދެއްވަމުން ގެންދަވާ ނަމޫނާ ޝަޚްޞިއްޔަތެކެވެ.

ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި، ކުޅިވަރުގެ ދާއިރާއިން ވިދަމުންދާ ފަޚުރުވެރި ތަރިއެކެވެ. މިގޮތުން، 2024 ވަނަ އަހަރު ބޭއްވުނު "މޯލްޑިވްސް ސްޕޯޓްސް އެވޯޑު" ގައި "ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ފޯރ ޕެރަ އެތުލީޓްސް" އޭނާ ވަނީ ޙާޞިލުކުރައްވާފައެވެ.

މީގެއިތުރުން، ޢަބްދުއްރައްޒާޤުގެ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި، 2023 ވަނަ އަހަރު މަޑަގަސްކަރައިގައި ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) ގައި ވާދަކުރައްވައި ބްރޮންޒް މެޑަލް ޙާޞިލުކުރައްވައި ދިވެހިރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވުން ހިމެނެއެވެ. ހަމައެހެންމެ، ޤައުމީ ފެންވަރުގައި ބޭއްވޭ ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތުގައި، 2025 އަދި 2026 ވަނަ އަހަރު 100 މީޓަރު ދުވުމުގެ ކެޓަގަރީން ވިދިވިދިގެން ރަންވަނަ ޙާޞިލުކުރައްވައި، އޭނާގެ ހުނަރާއި އަޒުމް ވަރުގަދަކަން މުޅި ޤައުމަށް ވަނީ ދައްކުވައިދެއްވާފައެވެ.

ކުޅިވަރުގެ އިތުރުން ޢަބްދުއްރައްޒާޤަކީ މުޖުތަމަޢަށް ނުހަނު ފައިދާހުރި މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ. އެގޮތުން، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީ.ވީ.އައި.އެސް.އެމް) ގެ ހީވާގި މެންބަރެއްގެ ހައިސިއްޔަތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް އޭނާ ދަނީ ކުރައްވަމުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅުންހުރި އެކިއެކި ޤައުމީ ސިޔާސަތުތައް އެކުލަވައިލުމުގެ މުހިންމު މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައިވެސް ޢަބްދުއްރައްޒާޤު ފާހަގަކޮށްލެވެއެވެ.

ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދަކީ ކެރުމާއި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށްވެސް އުސްމިންތަކަކަށް ވާޞިލުވެވިދާނެކަން މުޅި މުޖުތަމަޢަށް ސާބިތުކޮށްދެއްވަމުން ގެންދަވާ، ނަމޫނާ ބޭފުޅެކެވެ.