ޢާއިޝަތު ޝަފީޤު: "ރިވެލި އެވޯޑު" 2026 ޙާސިލުކުރައްވާފައިވާ ފަރާތެއް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން "ރިވެލި އެވޯޑު" 2026 ޙާސިލުކުރައްވާފައިވާ ޢާއިޝަތު ޝަފީޤު، ހ. ޝަފީޤުގެއަކީ، މިންނެތް މަސައްކަތާއި ހިތްވަރުން ދިވެހި މުޖުތަމަޢަށް ނަމޫނާ ދައްކަވަމުން ގެންދަވާ ފަންނުވެރި ކަނބަލެކެވެ.
1980 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށްވެސް، ފެހުމުގެ ދާއިރާއިން ބޭއްވުނު އެކި މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން ރަން ވަނަތަކެއް ޙާޞިލްކުރައްވާފައިވާ ޢާއިޝަތު ޝަފީޤަކީ، މިއަދު މި ފަންނު އެހެން މީހުންނަށް އުނގަންނައިދެއްވުމުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ހުނަރުވެރި ކަނބަލެކެވެ. ދިގު މާޒީއެއް އޮތް މި ދަތުރުގައި، އޭނާގެ ހުނަރު އިތުރަށް ތަރައްޤީކުރައްވައި، މުޖުތަމަޢުގެ އެތައް ބަޔަކަށް އެ މަސައްކަތް ދަސްކޮށްދެއްވުމަކީ ޢާއިޝަތު ޝަފީޤު ކުރައްވާ އެންމެ އަގުހުރި އެއް މަސައްކަތެވެ.
ޢާއިޝަތު ޝަފީޤުގެ މަސައްކަތްތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ފެހުންތަކާއި، އެމްބްރޮއިޑަރީ ނުވަތަ ކަސީދާގެ ފަންނުވެރި މަސައްކަތްތެރިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. ޢާއިޝަތު ޝަފީޤުގެ އުފެއްދުންތަކުގެ ފުރިހަމަކަން ރަމްޒުކޮށްދޭ އެއްކަމަކީ، މަސައްކަތްތަކުގެ ފުރިހަމަކަމާއި ޒީނަތްތެރިކަމެވެ. އެއީ އެ މަސައްކަތުގައި ޢާއިޝަތު ޝަފީޤު ހޭދަކުރައްވާ ގިނަގުނަ ވަގުތާއި، އެ މަސައްކަތައް ދެއްވާ ޚާއްޞަ ސަމާލުކަމާއި، ފަރުވާތެރިކަމުގެ ނަތީޖާއެވެ.
ޢާއިޝަތު ޝަފީޤުގެ މި ފަންނުވެރި މަސައްކަތްތަކަކީ ހަމައެކަނި ޤައުމީ ފެންވަރުގައި އަގުވަޒަންކުރެވުނު މަސައްކަތްތަކެއް ނޫނެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ބަލައިގަނެވިފައިވާ ފަޚުރުވެރި މަސައްކަތްތަކެކެވެ. މިގޮތުން، 2023 ވަނަ އަހަރު "ޕްރޮފެޝަނަލް ކެރިއަރ ވިމަންސް ގްލޯބަލް އެވޯޑު" އޭނާ ވަނީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގައި ބޭއްވޭ އެކި އެކި އުފެއްދުންތެރިކަމުގެ މައުރަޒުތަކާއި، ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރައްވައި އެތައް ކާމިޔާބީތަކަކާއި ރަން ވަނަތަކެއް ޢާއިޝަތު ޝަފީޤު ވަނީ ހޯއްދަވާފައެވެ.
ޢާއިޝަތު ޝަފީޤަކީ އަމިއްލަ މަސައްކަތުން ކާމިޔާބީގެ އުސްމިންތަކަށް ވާސިލުވެވޭނެކަން ސާބިތުކޮށްދެއްވާ ފަޚުރުވެރި ދިވެހި ކަނބަލެކެވެ. 2026 ވަނަ އަހަރުގެ "ރިވެލި އެވޯޑު" ޢާއިޝަތު ޝަފީޤަށް ޙައްޤުވަނީ އޭނާގެ މި ބުރަ މަސައްކަތާއި މުޖުތަމަޢަށް ކޮށްދެއްވާ މަތިވެރި ޚިދުމަތުގެ ސަބަބުންނެވެ.
