logo
banner image

މުޙައްމަދު ނާހިލް ސަލާމް: "ރިވެލި އެވޯޑު" 2026 ޙާސިލުކުރައްވާފައިވާ ފަރާތެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން "ރިވެލި އެވޯޑު" 2026 ޙާސިލުކުރެއްވި މުޙައްމަދު ނާހިލް ސަލާމް، ސ. މަރަދޫ، އަސްރުމާގެ އަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދީ، މުޖުތަމަޢުގައި އެފަދަ ފަރާތްތައް ބާރުވެރިކުރުވުމަށްޓަކައި ނުހަނު އަގުހުރި، އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މުޙައްމަދު ނާހިލް ސަލާމަކީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީ.ވީ.އައި.އެސް.އެމް)ގެ ހިންގާ ކޮމިޓީގެ ޚަޒާންދާރުގެ މަޤާމް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެ ޖަމުޢިއްޔާގެ ހިންގުމުގައި އިސް ދައުރެއް އަދާކުރައްވަމުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް އެޕްލިކޭޝަންތައް ބޭނުންކުރަން ދަސްކޮށްދިނުމުގައި އޭނާ އިސްނަންގަވައިގެން ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އަދި ހަމައެހެންމެ، އެކި ޚިދުމަތްތަކަށް ބޭނުންކުރާ ޑިޖިޓަލް އެޕްލިކޭޝަންތަކަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ (އެކްސެސިބަލް) އެޕްލިކޭޝަންތަކަކަށް ހެދުމަށްޓަކައި، ގުޅުންހުރި ފަރާތްތަކާއެކު ގާތުން ނާހިލް މަސައްކަތް ކުރައްވައެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި މަސައްކަތްކުރައްވާ ނާހިލްއަކީ ދީނީ ރޮނގުން މުޖުތަމަޢަށް ޚިދުމަތްކުރެއްވުމުގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން، ސ. މަރަދޫ މަސްޖިދުލް ފަލާޙް މިސްކިތުގެ އިމާމެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ވެސް، މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކުރިއެރުވުމަށް އެފަރާތްތަކާއެކު ގާތުން މަސައްކަތް ކުރައްވައި، އަޅާލުމާއި ހޭލުންތެރިކަން އިތުރުކުރުމަށް އަބަދުވެސް ނާހިލް މަސައްކަތް ކުރައްވައެވެ.

މީގެއިތުރުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިޖުތިމާޢީ ބައިވެރިވުން އިތުރުކުރުމަކީ ނާހިލް ޚާއްޞަ އިސްކަމެއް ދެއްވާ ދާއިރާއެކެވެ. އެގޮތުން، އެފަދަ ފަރާތްތަކުގެ ޢާއިލާތަކާއި، އަދި ވަކިވަކި ފަރުދުންނާ ގުޅިގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ މަސައްކަތްތަކުގައި ސާބިތުވެ ހުންނަވާ ބޭފުޅެއްގެ ގޮތުގައި ނާހިލް ފާހަގަކޮށްލެވެއެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމަށާއި، އެފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ނާހިލް ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، 2026 ވަނަ އަހަރުގެ 'ރިވެލި އެވޯޑު' އޭނާއަށް އެރުވިގެންދިޔުމަކީ، އެ ޚިދުމަތްތެރި މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް މަތިވެރި ޝަރަފެކެވެ.