logo
banner image

ޢަލީ ސަމީމް: "ރިވެލި އެވޯޑު" 2026 ޙާސިލުކުރައްވާފައިވާ ފަރާތެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން "ރިވެލި އެވޯޑު" 2026 ޙާސިލުކުރައްވާފައިވާ ޢަލީ ސަމީމް، ހދ. ކުރިނބި، ރިހިވެލިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހޯދައިދިނުމަށާއި، އެފަދަ ފަރާތްތައް ބާރުވެރިކުރުވުމަށް މުޖުތަމަޢުގައި އަގުހުރި، ނަމޫނާ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ.

ޢަލީ ސަމީމަކީ 2010 ވަނަ އަހަރުން ފެށިގެން، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީ.ވީ.އައި.އެސް.އެމް) ގައި ހީވާގިކަމާއެކު ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ. މި ދިގު މުއްދަތުގެ ތެރޭގައި އެ ޖަމުޢިއްޔާގެ ބޯޑު މެންބަރުކަމާއި، ރައީސްކަމުގެ މަޤާމު އޭނާ ވަނީ ޒިންމާދާރުކަމާއެކު އަދާކުރައްވާފައެވެ. އަދި 2025 ވަނަ އަހަރުން ފެށިގެން އެ ޖަމުޢިއްޔާގެ ނައިބު ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވަނީވެސް ޢަލީ ސަމީމެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަޑު މުޖުތަމަޢުގައި އުފުލައި، އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ޢަލީ ސަމީމް ވަނީ އިސްނަންގަވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގެވުމާއި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަމިއްލަ މިނިވަންކަމާއި ބާރުވެރިކަން އިތުރުކުރުމަށް މެދުކެނޑުމެއްނެތި އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ޢަލީ ސަމީމް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި، އަމިއްލަ މިނިވަންކަމާއެކު ވޯޓު ލެވޭނެ މަގު ފަހިކޮށްދެއްވުމަށް ކުރެއްވި ބުރަ މަސައްކަތެވެ. މިގޮތުން، ވޯޓު ކަރުދާހަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމުގައި އެންމެ އިސް ސަފުގައި ހުންނަވައިގެން ވަކާލާތުކުރައްވައި، ވޯޓުލުމުގެ އަސާސީ ޙައްޤު އެފަރާތްތަކަށް ހޯއްދަވައިދެއްވުމުގައި އޭނާ އަދާކުރެއްވި ދައުރަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެކެވެ.

އަލީ ސަމީމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިތްވަރެކެވެ. އަދި މުޖުތަމަޢުގައި ހަމަހަމަކަމާއި އިންޞާފު ޤާއިމުކުރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ، ޤައުމު ފަޚުރުވެރިވާ ފަދަ ޝަޚްޞިއްޔަތެކެވެ.