logo
banner image

ސްޓޭޓް މިނިސްޓަރު ޢަލީ ފާރިޝް ޔޫސުފް، ކްލައިމެޓް އެންޑް ކްލީން އެއާ ކޯލިޝަންގެ އިސްވެރިޔާއާ ބައްދަލުކުރައްވައިފި

މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 36 ވަނަ ބައްދަލުވުން (MOP36 / MOP38) ގެ ހަވާސާގައި، މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރ ޢަލީ ފާރިޝް ޔޫސުފް، ކްލައިމެޓް އެންޑް ކްލީން އެއާ ކޯލިޝަން (ސީ.ސީ.އޭ.ސީ) ގެ ސެކްރެޓޭރިއަޓްގެ ހެޑް، މާޓީނާ އޮޓޯއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ދިވެހިރާއްޖެއާއި ކްލައިމެޓް އެންޑް ކްލީން އެއާ ކޯލިޝަނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ތިމާވެއްޓާއި ސާފު ވައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ އައު ފުރުޞަތުތަކާ ގުޅޭގޮތުންނެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ޖައްވު ތަޣައްޔަރުވުން ކުޑަކުރުމަށްޓަކައި އެ ކޯލިޝަނާ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ އެއް ޤައުމަށް ވުމާއެކު، ބައިނަލްއަޤްވާމީ މިފަދަ ފޯރަމްތަކުގައި ބައިވެރިވެ، ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ.