އެމްއޯޕީ38 ގެ ހަވާސާގައި ސްޓޭޓް މިނިސްޓަރު އަލީ ފާރިޝް ޔޫއެންއީޕީގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރާ ބައްދަލުކުރައްވައިފި
މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުން (އެމްއޯޕީ38) ގެ ހަވާސާގައި، މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ މިނިސްޓަރ އޮފް ސްޓޭޓް ޢަލީ ފާރިސް ޔޫސުފް، އދ. ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމް (ޔޫއެންއީޕީ) ގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރު އެލިޒަބަތު މަރުމާ މްރެމާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ރާއްޖެއާއި ޔޫއެންއީޕީއާ ދެމެދު މިހާރު ކުރިއަށްދާ ގުޅުންތަކާއި މަޝްރޫޢުތަކާ ގުޅޭގޮތުންނެވެ. މީގެއިތުރުން، ތިމާވެށީގެ ދާއިރާއިން ކުރިއަށް އޮތް ތަނުގައި ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
ސްޓޭޓް މިނިސްޓަރު އަލީ ފާރިޝް ވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ޔޫއެންއީޕީން ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށީގެ ރައްކާތެރިކަމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން މުހިންމު ކަމުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޔޫއެންއީޕީގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރު އެލިޒަބަތު ވަނީ، ތިމާވެށީގެ ކަންކަމުގައި ދިވެހިރާއްޖެއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއެކު ގާތުން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
