logo
banner image

މޮންޓްރިއަލް ޕްރޮޓޮކޯލް ފުރިހަމައަށް ތަންފީޒުކުރުމުގައި ރާއްޖެ ދެމިއޮންނާނެ: ސްޓޭޓް މިނިސްޓަރު އަލީ ފާރިޝް

މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާގައި ބައިވެރިވެވަޑައިގެން، ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސްޓޭޓް މިނިސްޓަރު އަލީ ފާރިޝް ޔޫސުފް ދެއްވައިފިއެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުން (MOP38) ގެ ހައިލެވެލް ސެގްމަންޓްގެ ތެރެއިން ކުރިއަށްދިޔަ ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި "KA@10" ހައިލެވެލް ރައުންޑްޓޭބަލްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން، ސްޓޭޓް މިނިސްޓަރު އަލީ ފާރިސް ވަނީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އޯޒޯން ފަށަލަ ހިމާޔަތްކުރުމަށާއި، ވިހަ ގޭސްތައް މަދުކުރުމަށް ރާއްޖެއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އެކުލެވޭ ގޭސްތައް ބޭނުންކުރުން ހުއްޓާލުމަށް ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ މޮންޓްރިއަލް ޕްރޮޓޮކޯލާއި އޭގެ ކިގާލީ އިސްލާހު ފުރިހަމައަށް ތަންފީޒުކުރުމުގައި ރާއްޖެއިން ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ މި ބައްދަލުވުމުގައި ތަކުރާރު ކުރައްވާފައެވެ.

މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މަގުސަދުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވި މުހިންމު މަޝްވަރާ ބައްދަލުވުމެކެވެ. ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދަނީ ތިމާވެށީގެ ނާޒުކު ހާލަތުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެއްބަސްވުންތަކަށް ފުރިހަމައަށް އަމަލުކުރުމަށެވެ.