ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ޔޫސުފް މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓުގައި ބައިވެރިވެވަޑައިގެންފި
އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާ ބެހޭ މޮންޓްރިއަލް ޕްރޮޓޮކޯލްގެ އެއްބަސްވުމުގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓް (ހައި-ލެވެލް ސެގްމެންޓް) ގައި ދިވެހިރާއްޖޭގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ޔޫސުފް ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ ތިމާވެއްޓާއި އޯޒޯން ފަށަލަ ހިމާޔަތްކުރުމަށްޓަކައި، އޯޒޯން ފަށަލަ ހަލާކުކުރާ މާއްދާތައް ބޭނުންކުރުން ހުއްޓުވުމާއި މަދުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓުގައި، އެކި ޤައުމުތަކުގެ އިސްވެރިންނާއި ވަޒީރުން ބައިވެރިވެވަޑައިގެންފައިވާއިރު، ރާއްޖޭގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ޔޫސުފް ވަނީ ދިވެހިރާއްޖެއިން އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިފަދަ ބައިނަލްއަޤްވާމީ މުއާހަދާތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފޯރާ އެއް ޤައުމަށް ވުމާއެކު، ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ދަނީ އިސްދައުރެއް އަދާކުރަމުންނެވެ.
