logo
banner image

ހުރާ ނޭޗަރ ޕާކް ކޮންސެޕްޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީއާއި އީއާރުއޭއިން ކ. ހުރާއަށް ޒިޔާރަތްކޮށްފި

ކ. ހުރާގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "ހުރާ ނޭޗަރ ޕާކް" ކޮންސެޕްޓާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި އެ ރަށުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބަލައި ފާސްކުރުމަށްޓަކައި، ކަމާބެހޭ ވުޒާރާއާއި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ޓީމެއް ކ. ހުރާއަށް ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގެ ތެރެއިން، ހުރާގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ބޯޑުތައް ވަނީ އެ ރަށު ކައުންސިލާ ހަވާލުކޮށްފައެވެ. އަދި ހަމައެއާއެކު، އެ ޓީމުން ވަނީ ހިމާޔަތްކޮށްފައިވާ ސަރަޙައްދަށް ޒިޔާރަތްކޮށް، އެތަނުގެ މިހާރުގެ ހާލަތު ބަލައި އިންސްޕެކްޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މި ދަތުރަކީ ހުރާ ކައުންސިލާއި، މި މަސައްކަތުގައި ހިއްސާވާ މުހިންމު ފަރާތްތަކާ ގުޅިގެން، އެ ރަށުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ދަތުރެކެވެ. މީގެއިތުރުން، އެ ސަރަޙައްދާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި މަސައްކަތުގެ މުހިންމު އެއް މަގުސަދެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ދިރުންތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.