ރައީސް މުޢިއްޒުގެ ވެރިކަމުގައި ޑޮލަރު ދޫކުރި މިންވަރު %80 އިތުރުވެއްޖެ: މިނިސްޓަރު
ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދިޔަ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ވަނީ ސަރުކާރުން އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ހޯއްދަވާފައިވާ ކާމިޔާބީތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމުގެ ތަފްޞީލު ހާމަކުރައްވާފައެވެ.
އެގޮތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 15.42 ގެ ރޭޓުގައި ޑޮލަރު ދޫކުރި އަދަދަށް ވުރެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދޫކުރި ޑޮލަރުގެ އަދަދު 80 އިންސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިރާނު-އެމެރިކާ ހަނގުރާމައާ ގުޅިގެން ރައީސް އުފެއްދެވި ކްރައިސިސް ކޮމިޓީގެ މަސައްކަތުން، ﷲ ގެ ވާގިފުޅާއެކު ރާއްޖެ ތެލަށާއި، ގޭހަށާއި، ކާޑަށް ނުޖެހި ސަލާމަތްވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 90.07 އެމެރިކާ ޑޮލަރު ނުވަތަ 1.39 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރުމާއި އަސާސީ މުދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީން ދުވާލަކު އެއް ފަހަރު 164 އައިޓަމެއްގެ އަގުތައް މާކެޓުގައި ހުރި މިންވަރު ބަލަމުންދާ ކަމަށެވެ. އަދި ސީދާ ކެބިނެޓުން ނިންމަވައިގެން އިތުރު 10 ބާވަތުގެ ތަރުކާރީއާއި، 10 ބާވަތުގެ މޭވާއާއި، މުގު، ކާށި އަދި ކުކުޅު ބިސް ހިމެނޭހެން ތިން ބާވަތެއް އަސާސީ މުދާ ކަމުގައި ކަނޑައަޅައި، އަސާސީ ބާވަތްތަކުގެ ލިސްޓު 3 އިން 26 އަށް އިތުރުކޮށްފައިވާ ކަމަށާއި، 31 އޮގަސްޓް 2026 ގައި މި ލިސްޓު 26 އިން 80 އަށް އިތުރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އަމާޒަކީ 2027 ނޮވެންބަރުގައި ތިލަފުށި އިންޓަރނޭޝަނަލް ޕޯޓު ފުލް އޮޕަރޭޝަނަށް ގެނައުން ކަމަށާއި، އޮކްޓޫބަރު 2026 ގައި ވާނީ ދޯނިން އުފުލާ މުދާ ތިލަފުށިން ކްލިއަރ ކުރަން ފަށާފައި ކަމަށެވެ. މީގެ އިތުރުން ޑިސެންބަރު 2026 ގައި ދޯނިން އުފުލާ މުދާ ކްލިއަރ ކުރުން އެއްކޮށް ތިލަފުށްޓަށް ބަދަލުކުރުމުން މާލެ އަދި ހުޅުމާލެ ކީވޯލްގެ ތޮއްޖެހުން އިތުރަށް ކުޑަކުރެވިގެންދާނެ ކަމަށެވެ. އަދި ނޮވެންބަރު 2027 ގައި އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކާގޯ ކްލިއަރަންސް އެއްކޮށް ތިލަފުށްޓަށް ބަދަލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ބިޒްނަސް ސެންޓަރުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެއްވެސް ބިޒްނަސް ސެންޓަރެއް ބަންދުނުކުރައްވާ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12 ބިޒްނަސް ސެންޓަރުން މިހާރުވެސް ޚިދުމަތް ދެމުންދާ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.
މިނިސްޓްރީގެ ދެފުށްފެންނަ މިންވަރާއި ޖަވާބުދާރީވުމާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި މިނިސްޓްރީން 192 އާރު.ޓީ.އައި އަށް ޖަވާބުދީފައިވާ ކަމަށެވެ. މީގެއިތުރުން، ސީދާ އެމަނިކުފާނު 184 ފަހަރު މީޑިއާއާ ބައްދަލުކުރެއްވި ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ދަންނަވާލި ކޮންމެ ފަހަރަކު ޖަވާބު ދެއްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
