logo
banner image

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިން" ގެ ދެ ވަނަ ފިޔަވަހި ހުޅުވާލުން

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ގެންގުޅުއްވާ ޚާއްޞަ ސިޔާސަތުގެ ދަށުން،       24 އޮކްޓޫބަރު 2026 ގައި ބޭއްވި މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ    ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ" ގެ ދެވަނަ ފިޔަވަހި އިފްތިތާޙުކޮށްފައިވާތީ، އެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަރުޙަބާ ދަންނަވަމެވެ.

މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން، މި ފެސިލިޓީގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް އަލަށް ވިޔަފާރި ފެށުމަށާއި، މިހާރު ހިންގަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދެވިފައެވެ. އަދި 1 ނޮވެންބަރު 2026 ގައި މި ސްކީމްގެ ދެ ވަނަ ފިޔަވަހީގެ ފައިނޭންސިންގ އަށް ހުޅުވާލުމަކީ ދިވެހި ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެކެވެ.

18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދޫކުރާ މި ސްކީމްގެ ދަށުން ރަހުނަކާ ނުލައި، 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ފެސިލިޓީ އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ފަސް އަހަރުގެ މުއްދަތެއް ލިބެއެވެ. މި ފައިނޭންސަށް އެދި ބީއެމްއެލް ސްވައިޕް އެޕް މެދުވެރިކޮށް ހުށަހެޅޭނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލްގައިވާ މާލީ ހޭލުންތެރިކަމުގެ އޮންލައިން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިޤްތިޞާދީ ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި، އުފެއްދުންތެރި ބަޔަކަށް ހެދުމަށް ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށް، މި ވުޒާރާގެ ފަރާތުން ޝުކުރު ދަންނަވަމެވެ. އަދި ވީހާވެސް ގިނަ ޒުވާނުން މި ފުރުސަތުގެ ބޭނުން ހިފައި، އިޤްތިޞާދުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަކީ މި ވުޒާރާއިން އަބަދުވެސް ތަރުހީބުދޭ ކަމެކެވެ.