logo
banner image

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ހުޅުވާލުން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބީއެމްއެލް އިން ހުޅުވާލުމާ ގުޅިގެން، އެ ބޭންކަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

ބައިނަލްއަޤުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ޤައުމެއްގެ ކޮންމެ ތަނަކުންވެސް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ޔޫ.އެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިވެގެން ދިއުމަކީ، ދިވެހި ވިޔަފާރިތަކުގެ ތަރައްޤީއަށް އެޅިގެންދިޔަ ތާރީޚީ އަދި ނުހަނު މުހިންމު ފިޔަވަޅެކެވެ.

މި ޚިދުމަތުގެ ދަށުން ވިޔަފާރިތަކަށް ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރެވޭ ޔޫ.އެސް ޑޮލަރު ޑެބިޓް ކާޑު ބޭނުންކޮށްގެން، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެކި ބާވަތުގެ ބައިނަލްއަޤުވާމީ ސަބްސްކްރިޕްޝަންތަކަށާއި، ބޭރުގެ އެހެނިހެން މުޢާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފަސޭހަކަމާއެކު ފައިސާ ދެއްކުމުގެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ. މިއީ ދިވެހި އުފެއްދުންތެރިން ބައިނަލްއަޤުވާމީ ޑިޖިޓަލް އިޤްތިޞާދުގައި ފައިތިލަ ސާބިތުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެކެވެ.

މި ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި ބީއެމްއެލް ގުޅިގެން ތަޢާރަފުކުރި މި ޚިދުމަތުގެ މައިގަނޑު މަޤުޞަދަކީ، ބައިނަލްއަޤުވާމީ މާކެޓްތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ފައިސާ ސީދާ އެ ފަރާތްތަކަށް ލިބޭނެ ފަހި މަގެއް ޤާއިމުކޮށްދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤުތިޞާދީ ތަޞައްވުރާ އެއްގޮތަށް، ދިވެހި ޒުވާނުންނާއި، ފަންނުވެރިންނާއި، ކުދި ވިޔަފާރިތައް ބާރުވެރިކުރުވައި، އެ ފަރާތްތަކަށް ދުނިޔޭގެ ބާޒާރުން ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި މި ވުޒާރާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި މިފަދަ މުހިންމު އިޤުތިޞާދީ ކަންކަމުގައި ބީއެމްއެލުން ދެއްވާ އަވަސް އިޖާބައާއި އެއްބާރުލުން ފާހަގަކޮށް، މި ވުޒާރާއާ ގުޅިގެން މަސައްކަތްކުރެއްވުމަށް ދެއްވާ އަހައްމިއްޔަތުކަމާއި، ރާއްޖޭގެ މާލީ ނިޒާމަށް އޮތް އިތުބާރު ވަރުގަދަކުރެއްވުމަށާއި، ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ކުރިއެރުމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ބީއެމްއެލުން ކުރައްވާ މަސައްކަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.