logo
banner image

ދިވެހިރާއްޖޭގެ 38ވަނަ ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި 38ވަނަ ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި ނޮވެންބަރު 3ވަނަ ދުވަހުގެ ރޭ ބޭއްވި މި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނާ އިސްތިޤްބާލުކުރެއްވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މިރޭގެ ޖަލްސާއަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމުން ދިވެހި ސިފައިން ވަނީ އެމަނިކުފާނުގެ ޝަރަފުގައި ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއާއި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދު ވާހަކަފުޅު ދެއްކެވިއެވެ.

މި ޖަލްސާގައި ދިވެހި ދަޢުލަތުން ވަނީ، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެއިން ހަނގުރާމައިގެ މައިދާނަށް ނިކުމެވަޑައިގެން އަމިއްލަ ފުރާނައަށް ބެއްލެވުމެއްނެތި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި އެއްވެސް ޖެހިލުމެއްނެތި ހަނގުރާމައިގެ މައިދާނުގައި ހިތްވަރާއި ލާމަސީނު ނަމޫނާ ދައްކަވައި، ރެކީ ޕެޓްރޯލަށް ނިކުންނެވި ސިފައިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި 5 ބޭފުޅުންނަށް 'އައްޑަނަ' އަރުވާފައެވެ. އެގޮތުން ނޮވެންބަރު 3ގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، ސާޖަންޓް ފަސްޓް ކްލާސް (ރޓ) އިބްރާހީމް ޝަރީފްއާއި، ސްޓާފް ސާޖަންޓް (ރޓ) ޙުސައިން ޢަލީ (ފުއްކަފަ ދޮންތުއްތު)އާއި، ސާޖަންޓް (ރޓ) ޙުސައިން މަނިކުއާއި، ކޯޕްރަލް (ރޓ) ޢަބްދުﷲ ނަސީމް އަދި ލާންސް ކޯޕްރަލް (ރޓ) ޢަބްދުﷲ މުފީދެވެ.

މި ޚާއްޞަ ޖަލްސާގައި ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ "ޤައުމީ ލަވަ އަލްބަމް" ވަނީ ނެރެދެއްވާފައެވެ. މި ލަވަ އަލްބަމް ނެރެދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. ކޮންމެ އަހަރަކު އެމްއެންޑީއެފުން ނެރޭ ޤައުމީ ލަވަ އަލްބަމް"އަކީ ދިވެހީންގެ މެދުގައި ޤައުމީ ރޫޙާއި ޤައުމީ ލޯބި ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ނެރެމުންދާ ޚާއްޞަ އަލްބަމެކެވެ. މި އަލްބަމްގައި ހިމެނޭ ލަވަތަކުން ރަމްޒުކޮށްދެނީ ދިވެހި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، ތާރީޚީ ކާމިޔާބީތަކުގެ އިތުރުން ޤައުމީ އަބްޠާލުންގެ ޖިހާދެވެ. މި އަހަރުގެ ލަވަ އަލްބަމްގައި 7 ލަވަ ހިމަނާފައިވެއެވެ.

މި ޖަލްސާގައި، "ލޭގެ ޖިހާދު" ގެ ނަމުގައި، ދިވެހި ސިފައިން ވަނީ ތަމްސީލެއް ހުށަހަޅާފައެވެ. މި ތަމްސީލުގައި ދައްކާލާފައިވަނީ 1988 ނޮވެންބަރު 3ވަނަ ދުވަހު ސިފައިންގެ މައިމަރުކަޒަށް ދުޝްމަނުން ހަމަލާ ދެމުން ދަނިކޮށް ދުޝްމަނުންގެ ހަރަކާތްތަކާއި، ބޭނުންކުރާ ހަތިޔާރާއި، ދުޝްމަނުންގެ ބާރު ދެނެގަތުމަށް ރެކީ ޕެޓްރޯލަށް ސިފައިންގެ މައިމަރުކަޒުން ނިކުމެވަޑައިގެންނެވި ހިތްވަރުގަދަ މުޖާހިދުންގެ ތެރެއިން ޝަހީދުވި، ޤައުމީ 3 ބަޠަލުން ކަމުގައިވާ ޝަހީދު ސާޖަންޓް އާދަމް ނަޞީރާއި، ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް އަދި ކޯޕްރަލް މުޙައްމަދު ޙަސަންގެ މަތިވެރި ޤައުމީ ޚިދުމަތެވެ. މި ތަމްސީލުން ދައްކުވައިދިނީ ޤައުމާއި ދީނުގެ ދިފާޢުގައި ސިފައިން ވެފައިވާ މަތިވެރި ޤުރުބާނީއާއި، ޤައުމީ ނުރައްކަލުގެ ވަގުތުގައި އެބޭކަލުން ދެއްކެވި ހިތްވަރާއި ސާބިތުކަމެވެ. އެމްއެންޑީއެފުން ހުށަހެޅި މި ތަމްސީލަކީ ދިވެހި ސިފައިންގެ ތާރީޚުގައި ހިންގި އެންމެ ހިތްވަރުގަދަ އަދި ނުރައްކާތެރި އެއް އޮޕަރޭޝަން ރަމްޒުކޮށްދިން ހުށަހެޅުމެކެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ އިސްރަށްވެހިން ބައިވެރިވެވަޑައިގެންނެވިއެވެ.