ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންފި
ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ޗޮގަމް) ހުޅުވުމުގެ ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ.

އެންޓީގުއާ އެންޑް ބާބިއުޑާގައި ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
މި ސަމިޓުގެ ތެރެއިން، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ އިސްވެރިން އެކުގައި މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، މެންބަރު ގައުމުތަކަށް ފާގަތި އަދި އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި އެންމެން ގުޅިގެން އިސްކަންދޭ މުހިންމު ކަންކަން ކުރިއެރުވުމެވެ.
ކޮމަންވެލްތު އިސްވެރިންގެ މި ބައްދަލުވުމުގައި ދުނިޔެއަށް އަދި ވަކިން ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ލީޑަރުންގެ މެދުގައި ހިޔާލު ބަދަލުކުރެވިގެންދާނެއެވެ.
