logo
banner image

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ އަސްކަރީ ހުށަހެޅުން ދައްކާލައިފި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ "އަސްކަރީ ހުށަހެޅުން 2026" (މިލިޓަރީ ޑިސްޕްލޭ) މިއަދު ހަވީރު ބާއްވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި މި ހުށަހެޅުން ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ އިސްރަށްވެހިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަސްކަރީ ހުށަހެޅުން ބިނާކޮށްފައިވަނީ ބޭރުގެ ނިރުބަވެރި ޖަމާޢަތަކުން ރާއްޖޭގެ އޯގަނައިޒްޑް ކްރައިމް ގްރޫޕަކާ ގުޅިގެން ކަނޑުމަގުން ރާއްޖެއަށް އިންފިލްޓްރޭޓްވެ، ޤައުމީ ސަލާމަތަށް ނުރައްކާކުރަން މަސައްކަތްކުރި ޙާލަތެއްގައި އެމްއެންޑީއެފްގެ ޖޮއިންޓް ޓާސްކް ފޯސްއިން ހިންގި ވަރުގަދަ ކައުންޓަރ-ޓެރެރިޒަމް އޮޕަރޭޝަނެއްގެ މައްޗަށެވެ. މި އޮޕަރޭޝަންގެ ތެރެއިން އެމްއެންޑީއެފް އެއަރ ކޯރގެ ޓީބީ-2 އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ބޭނުންކޮށްގެން އިންޓެލިޖެންސް ސަރވައިލަންސް އެންޑް ރެކޮނަސަންސް (އައިއެސްއާރް) އޮޕަރޭޝަން ހިންގައި، ދުޝްމަނުންގެ "މަދަރ ޝިޕް"އާއި އެ ދިމާލަށް ދަތުރުކުރި އުޅަނދުތައް ވައިގެމަގުން ލޮކޭޓްކުރާނެ ގޮތް ވަނީ ދައްކާލާފައެވެ.

އޭގެފަހުން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ އެލީޓް ފޯސްކަމުގައިވާ ސްޕެޝަލް ބޯޓް ސްކޮޑްރަން (އެސްބީއެސް) ގުޅިގެން ޑްރޯން ސަރވައިލަންސްއާއި، ކަނޑުއަޑީގެ ޑައިވަރ ޕްރޮޕްލަޝަން ވެހިކަލް (ޑީޕީވީ) އަދި ޕްރިސިޝަން މާކްސްމަނުންގެ އެހީގައި، ރަހީނުކޮށްފައި އޮތް އުޅަނދުގެ ތެރެއަށް ވަދެ މެރިޓައިމް ހޮސްޓޭޖް ރެސްކިއު އޮޕަރޭޝަނެއް ހިންގައި ރަހީނުން ސަލާމަތްކުރާ ގޮތް ވަނީ ހުށަހަޅައިދީފައެވެ. އޭގެ އިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި، އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތައް ހިމެނޭ ސާފޭސް އެކްޝަން ގްރޫޕުން ދުޝްމަނުންގެ މަދަރ ވެސެލްއަށް ހަމަލާދީ ޑިސޭބަލްކޮށްލުމާއި، އެމްއެންޑީއެފް މެރިން ކޯރގެ އެލީޓް ފޯސްކަމުގައިވާ، ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕުން އެއްގަމާއި ކަނޑުމަގުން ހައި-ރިސްކް ސްނެޗް އޮޕަރޭޝަނެއް ހިންގައި، ނިރުބަވެރިންގެ އިސް ލީޑަރު (ހައި ވެލިއު ޓާގެޓް) ހައްޔަރުކުރާ ގޮތް ދައްކާލާފައިވެއެވެ.

އޮޕަރޭޝަންގެ ފަހު މަރުޙަލާގައި، އުސް އިމާރާތެއްގައި އާންމުން ރަހީނުކޮށްގެން ތިބި ނިރުބަވެރިންނާ ދެކޮޅަށް އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއިން ވަނީ ރެޕެލިންގ އަދި އެކްސްޕްލޯސިވް ބްރީޗިންގ ބޭނުންކޮށްގެން ކްލޯޒް ކުއާޓަރ ބެޓްލް (ސީކިޔުބީ) އެސޯލްޓެއް ހިންގައި ރަހީނުން ސަލާމަތްކުރާ ގޮތް ދައްކާލާފައެވެ. އަދި މެކަނައިޒްޑް އިންފެންޓްރީގެ އާމަޑް ވެހިކަލްތަކާއި އޭޓީވީތަކުން ވަނީ ދުޝްމަނުންގެ ރީއިންފޯސްމަންޓް ހަމަލާތައް ފުރިހަމައަށް ނައްތާލާ ގޮތް ހުށަހަޅައިދީފައެވެ.

މި އަސްކަރީ ހުށަހެޅުން ނިންމާލާފައިވަނީ ސިފައިންގެ މިލިޓަރީ ބޭންޑްގެ ޚާއްޞަ ހުށަހެޅުމަކުންނެވެ.

މި ހުށަހެޅުމަކީ، އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލް ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ދިވެހި އަސްކަރިއްޔާގެ ގުޅިފައިވާ ބާރުތައް އަބަދުވެސް ތިބޭނީ ސާބިތުކަމާއެކު ހުޝިޔާރަށް އަދި ތައްޔާރީ ޙާލަތުގައިކަން ދައްކާލުމުގެ ގޮތުން ކުރިއަށްގެންދިޔަ ހުށަހެޅުމެވެ.

ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ އާންމުންނާއި، ކުޑަކުދިން މިއަދު ޖުމްހޫރީ މައިދާން ސަރަހައްދަށް ޖަމާވިއެވެ.