logo
banner image

ސިފައިން، އެއް ޖަމާޢަތެއްގައި ކުރި ފަތިސް ނަމާދަށްފަހު ނަޞްރުގެ ދުވަހުގެ އިޙުތިފާލުތައް ފަށައިފި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިން ކުރިއަށްގެންދާ ޚާއްޞަ އިޙުތިފާލުތައް، މިއަދު އިސްލާމީ މަރުކަޒުގައި އެއް ޖަމާޢަތެއްގައި ކުރެވުނު ފަތިސް ނަމާދުން ފަށައިފިއެވެ.

ނަމާދުގެ ޖަމާޢަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އެކި ރޭންކުތަކުގެ އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިން އަދި އާންމު ރައްޔިތުން މި ޖަމާޢަތުގައި ބައިވެރިވިއެވެ.

ފަތިސް ނަމާދަށްފަހު، 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ޢުދުވާނުގައި ޝަހީދުވި ޤައުމީ އަބްޠާލުންގެ ޒިކުރާ އާކުރުމުގެ ގޮތުން ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ.

3 ނޮވެންބަރަކީ ދިވެހި ތާރީޚުގައި ފާހަގަކުރެވޭ އެންމެ ހިތާމަވެރި އަދި އެންމެ ފަޚުރުވެރި އެއް ދުވަހެވެ. 1988 ނޮވެންބަރު 3 ގައި ދިވެހިންގެ ތެރެއިން ޚިޔާނާތްތެރިވި ބަޔަކު އަޑީގައި ތިބެ، ބޭރުގެ ކުލީ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާޢަތަކާ އެކު މާލެއަށް ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ދިވެހިފަސްގަނޑާއި އިސްލާމްދީން ޙިމާޔަތްކުރުމަށް ސިފައިންނާއި އާންމު ރައްޔިތުން ވަނީ ޤުރުބާންވެފައެވެ. މި ޢުދުވާނުގައި 19 ދިވެހިން (8 ސިފައިންނާއި 11 އާންމުން) ޝަހީދުވިއެވެ. މި ދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މާތް ﷲ ގެ ޙަޟްރަތުން ދިވެހި އުއްމަތަށް ލިބުނު މަތިވެރި ނަޞްރާއި، ޤައުމީ އަބްޠާލުންވީ މަތިވެރި ޤުރުބާނީގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.