ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުމުގެ ޓެކްނިކަލް ވޯކްޝޮޕްގައި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މިރުޒާ ބައިވެރިވެވަޑައިގެންފި
މޮންޓްރިއަލް ޕްރޮޓޮކޯލްގެ 'މީޓިންގް އޮފް ދަ ޕާޓީސް' ބައްދަލުވުމުގެ ކުރިން، ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވި ޚާއްޞަ ޓެކްނިކަލް ވޯކްޝޮޕްގައި މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ މިރުޒާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ވޯކްޝޮޕަކީ ތިމާވެށި ހިމާޔަތްކުރުމަށް އެކުލަވާލެވުނު މުހިންމު އެއްބަސްވުން ކަމަށްވާ 'ކިގާލީ އެމެންޑްމަންޓް' އަށް 10 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.
މި ވޯކްޝޮޕްގެ ތެރެއިން ކުރިއަށްދިޔަ 'ސަސްޓެއިނަބަލް ކޫލިންގ' ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ފިނިކުރުމާ ގުޅޭ ޚާއްޞަ ސެޝަންގެ ރެޕަޓުއަރއެއްގެ ގޮތުގައި އަލްފާޟިލާ މިރުޒާ މުޙައްމަދު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މި ސެޝަންގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ދުނިޔޭގެ އެކި ޤައުމުތައް ގުޅިގެން އެކުލަވާލާފައިވާ އިސްތިރާޖީތަކާއި ބައިވެރިވުންތަކުގެ އެހީގައި، ކިގާލީ އެމެންޑްމަންޓް ތަންފީޒުކުރުމަށް ކުރެވުނު މަސައްކަތްތަކަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފިނިކުރުމުގެ ދާއިރާއަށް ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ލިބިފައިވާ ކުރިއެރުންތަކާއި، ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ބައްދަލުވުމުގައި ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.
