ޑޮމިނިކާގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި
3 ނުވެންބަރު 2026
ޑޮމިނިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލަންސީ ވިންސް ހެންޑަރސަން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި ޑޮމިނިކާގެ ސަރުކާރަށާއި އެންމެހާ ރައްޔިތުންނަށް، ޑޮމިނިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ފޮނުވަމެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގައި ދިވެހިރާއްޖެ އާއި ޑޮމިނިކާ އިން ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަވެގެންދާނެކަން އަޅުގަނޑަށް ޔަޤީނެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީމެވެ."
