logo
banner image
ޚާރިޖީ ވުޒާރާ

އަދުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެންމެ އެދެވޭ ގޮތެއްގައި މަސައްކަތްކުރުމަށް, ކޮމަންވެލްތު އިތުރަށް ހަރުދަނާކުރުމަށް ޚާރިޖީ ވަޒީރު ގޮވާލައްވައިފި

ސެއިންޓް ޖޯންސް، ނޮވެމްބަރ 2026

އެންޓީގާ އެންޑް ބާބޫޑާގެ ސެއިންޓް ޖޯންސްގައި ކުރިއަށްދާ ކޮަމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ކުރިން ބޭއްވި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިިރުތިޝާމް ދެއްކެވި ވާހަކަފުޅުގައި މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކޮމަންވެލްތުގެ ގައުމުތަކުން ކުރާ މަސައްކަތް އިތުރުކުރުމުގެ މުހިންމުކަމަށް އަލިިއަޅުއްވާލައްވައި އަދި ކޮމަންވެލްތު ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އެންމެ އެކަށޭނެ ގޮތެއްގައި މަސައްކަތްކުރުމަށް ކޮމަންވެލްތު މިހާރަށްވުރެ ހަރުދަނާވެ މިއަދުގެ ބޭނުންތައް އެކަށޭނެ ފަދަ ޖަމުޢިއްޔާއަކަށް ހެދުމުގެ މުހިންމުކަން ހާމަކުރެއްވިއެވެ.

އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކޮމަންވެލްތު މިހާރަށްވުރެ ފުޅާ ދައުރެއް އަދާކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި ދިމާވަމުންދާ މާލީ ދަތިތައް ފަދަ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ގޮތަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިކަން ހޯދޭނެ މާލީ ނިޒާމެއް އިންތިޒާމެއް އޮންނަށްވާނެ ކަމަށް ހުށަހެޅުއްވިއެވެ.

މީގެ އިތުރުން ކޮަމަންވެލްތުގެ ނިންމުންތައް ނިންމުމުގައާއި އަދި ކޮމަންވެލްތުގައި އިސް ދައުރެއް އަދާކުރުމަށް ހުރިހާ މެމްބަަރު ގައުމުތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި ކޮމަންވެލްތާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އަބަދުވެސް އިސްކަންދޭނެކަމުގެ ޔަޤީކަން އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުުވިއެވެ.

ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން، ކޮމަންވެލްތުގެ ގައުމުތަކަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށާއި ކޮމަންވެލްތުން ހާސިލްކުުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި މެންބަަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބާއްވާ މުހިންމު ބައްދަލުވުމެެކެވެ.