ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ޔޫ.ޕީ.އާރު. ގެ ވަރކިންގ ގްރޫޕްގެ 53 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވާނެ
2 ނޮވެމްބަރު 2026
ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.)ގެ ވަރކިންގ ގްރޫޕުގެ 53 ވަނަ ސެޝަން ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހުގައި މިއަދު ފަށައިފިއެވެ. ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މިބައްދަލުވުމުގައި އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ދަށުން ޤާއިމުކޮށްފައިވާ ޔޫ.ޕީ.އާރު. ގެ ވަރކިންގ ގްރޫޕް އިން 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރާނެއެވެ. އެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ސުރިނާމް، ސަމޯއާ، ހަންގެރީ، ޓަޖިކިސްތާން، އެންޓިގާ އެންޑް ބާބުޑާ، ގްރީސް، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސް، ޕަޕުއާ ނިއު ގިނީ، ޓެންޒޭނިއާ، އެސްވަޓީނީ، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، އަޔަރލެންޑް، ތައިލޭންޑް އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ.
ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕްގެ މި ސެޝަންގައި ރާއްޖޭގެ ވަފުދުން ބައިވެރިވެ، ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި ރިކަމެންޑޭޝަންތަކެއް ރިވިއު ކުރެވޭ ޤައުމުތަކަށް ހުށަހަޅާނެއެވެ.
ޔޫ.ޕީ.އާރު. ގެ ވަރކިންގ ގްރޫޕް އިން ކޮންމެ އަހަރަކު ތިން ބައްދަލުވުމެއް ބާއްވައެވެ. އެގޮތުން މިހާރު ހިނގަމުންދާ 53 ވަނަ ބައްދަލުވުމަކީ 2022 ވަނަ އަހަރުން ފެށިގެން 2027 ގެ ނިޔަލަށް ކުރިއަށްދާ ޔޫ.ޕީ.އާރު. ގެ ހަތަރުވަނަ ދައުރުގެ ބައެކެވެ. ޔޫ.ޕީ.އާރު. އަކީ އ.ދ. ގެ މެމްބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ދެނެގަނެ، އެކަމުން ހޯދާފައިވާ ކުރިއެރުން ވަޒަންކުރުމަށް ކަނޑައަޅާފައިވާ ނިޒާމެކެވެ. އަދި މިނިޒާމުގެ ތެރެއިން ރިވިއު ކުރެވޭ ޤައުމުތަކުން އިންސާނީ ޙައްޤުތައް ތަންފީޒުކުރުމުގައި އިތުރަށް ހަރުދަނާކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބިނާކުރަނިވި އިސްލާޙުތައް ހުށަހެޅުމުގެ ފުރުޞަތު އެހެން މެންބަރު ޤައުމުތަކަށް ލިބިގެންދާނެއެވެ.
މި ސެޝަންގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ. އަދި މިވަފުދުގައި ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، އަދި ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާޙީން ބައިވެރިވެވަޑައިގަންނަވައެވެ.
-1770366436954.webp)