logo
banner image

ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވައިފި

ދިވެހިރާއްޖޭގެ ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން (އެން.އޭ.ޕީ) ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީގެ ދެވަނަ ބައްދަލުވުން 2026 ނޮވެމްބަރު 2 ވީ ހޯމަ ދުވަހު ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ސްޓިއަރިންގ ކޮމިޓީގެ މެންބަރުން ވަނީ މިހާތަނަށް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރާއި، ހާސިލުކުރެވިފައިވާ ކާމިޔާބީތައް ވަރަށް ގާތުން ބައްލަވާލައްވާފައެވެ. އަދި މީގެ އިތުރުން، ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ މަސައްކަތު ތާވަލާއި ބަޖެޓާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު، އެ ތާވަލާއި ބަޖެޓު ވަނީ ކޮމިޓީން ރަސްމީކޮށް ފާސްކުރައްވާފައެވެ.

ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭނަކީ ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވެ، އެ ބަދަލުތަކަށް ހޭނުމަށް ރާއްޖޭގެ ގައުމީ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލެވޭ ވަރަށް މުހިންމު ޕްލޭނެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި މޫސުމާ ގުޅޭ މައުލޫމާތު އެއްކުރުމާއި ދިރާސާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، މޫސުމީ ކަންކަމަށް ކަނޑައެޅޭ މާލީ ނިޒާމު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބައްޓަންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ހަމައެއާއެކު، ރާއްޖޭގެ ތަރައްޤީގެ ތަފާތު އެކި ދާއިރާތަކުގެ ސިޔާސަތުތައް އެކުލަވާލުމުގައި މޫސުމަށް ހޭނުމުގެ މުހިންމު އުސޫލުތައް ލާމެހި، ގައުމީ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް މި މަޝްރޫޢުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.