logo
banner image

ސީ.ބީ.ޑީ ކޮޕް 17 ގެ ހަވާސާގައި، ޑރ. އިލްހާމް އަތޯ ޔޫރަޕިއަން ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލާ ބައްދަލުކުރައްވައިފި

ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީ.ބީ.ޑީ) ގެ 17 ވަނަ ކޮޕް ބައްދަލުވުމުގެ ހަވާސާގައި، މޫސީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭވުޒާރާއިގެ ޑިރެކްޓަރ ޑރ. އިލްހާމް އަތޯ މުޙައްމަދު، ޔޫރަޕިއަން ކޮމިޝަންގެ ޑިރެކްޓަރޭޓް-ޖެނެރަލް ފޮރ އެންވަޔަރަންމަންޓް (ޑީ.ޖީ އެންވަޔަރަންމަންޓް) ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ޕެޓްރިކް ޗައިލްޑާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ތިމާވެއްޓާއި ދިރުންތަކުގެ ނިޒާމު ހިމާޔަތްކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ ވަސީލަތްތައް ހޯދުމާ ގުޅޭގޮތުންނެވެ. އެގޮތުން، ވަސީލަތްތައް ހޯދުމަށް ކުރިއަށްދާ ބައިނަލްއަޤްވާމީ މަޝްވަރާތަކުގައި ދިވެހިރާއްޖެއިން ހަރަކާތްތެރި އަދި ބިނާކުރަނިވި ދައުރެއް އަދާކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ޑރ. އިލްހާމް ވަނީ ދެއްވާފައެވެ.

މީގެއިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ކުރިމަތިވާ ޚާއްޞަ ގޮންޖެހުންތަކާއި ނާޒުކު ހާލަތްތައް ބައިނަލްއަޤްވާމީ މައިދާނުގައި ބަލައިގަތުމުގެ މުހިންމުކަން ރާއްޖެއިން ފާހަގަކުރިއެވެ. އަދި މިފަދަ ޤައުމުތަކަށް އެކަށީގެންވާ ވަސީލަތްތައް ފަހިކޮށްދިނުމާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ބޭނުންވާކަމަށްވެސް މި ބައްދަލުވުމުގައި ބާރުއަޅައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. އިލްހާމް ވަނީ ރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަން ދެމެހެއްޓުމަށް ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) ގެ އެހީގައި މިހާރުވެސް ހިންގަމުންދާ މަޝްރޫޢުތައް ފާހަގަކުރައްވައި، އެކަމަށްޓަކައި އީ.ޔޫއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިމަގުގައި ތަބީޢީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި، އައު އީޖާދީ ގޮތްގޮތަށް ފައިސާ ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.