އޭޝިއާ-ޕެސިފިކް އޯޝަން ވީކްގައި ރާއްޖޭގެ ތަޖުރިބާތައް އީމާން ރަޝީދު ހިއްސާކުރައްވައިފި
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ "އޭޝިއާ-ޕެސިފިކް އޯޝަން ވީކް" ގެ ހަވާސާގައި ބޭއްވި ޚާއްސަ ސެޝަނެއްގައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ތަޖުރިބާތަކާއި ހަގީގީ ހާލަތު ހިއްސާކޮށްފިއެވެ.
މި ބައްދަލުވުމުގައި މި މަޢުލޫމާތުތައް ހިއްސާކުރެއްވީ ސީނިއާ ޕްރޮޓެކްޓެޑް އޭރިއާސް މެނޭޖްމަންޓް އޮފިސަރު އީމާން ރަޝީދެވެ. އޭނާ މި ތަޖުރިބާތައް ހިއްސާކުރެއްވީ "ރީޖަނަލް ކޮލަބޮރޭޝަން ފޯ އިފެކްޓިވް އެންޑް އިކުއިޓަބަލް މެރިން ޕްރޮޓެކްޓެޑް އެންޑް ކޮންޒާވްޑް އޭރިއާސް" ގެ ނަމުގައި ކުރިއަށްދިޔަ ސެޝަންގައެވެ.

މި ސެޝަންގައި އީމާން ދެއްވި ޕްރެޒެންޓޭޝަނުގައި، 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެއްގަމާއި ކަނޑުގެ ސަރަޙައްދުގެ 30 އިންސައްތަ ޙިމާޔަތްކުރުމަށް ކަނޑައަޅާފައިވާ "3030"x ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.
އެގޮތުން، މި ލަނޑުދަނޑި ޙާސިލުކުރުމަށް ރާއްޖެއިން ގެންގުޅޭ މައިގަނޑު ސިޔާސަތުތަކާއި، މިހާތަނަށް ޙާސިލުކުރެވިފައިވާ މުހިންމު ކާމިޔާބީތައް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޤައުމީ ފެންވަރުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި، އަދި މި ދާއިރާއިން ފަހިވެގެންދާ ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ސަރަޙައްދީ ފެންވަރުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން އީމާންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮންނަ އަދި ކަނޑުގެ ވަސީލަތްތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށް ވުމާއެކު، މިފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ އަޑު އިއްވުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.
