ޗައިނާގެ ފޫޖިއާންގައި ފެށި "ފޮރެސްޓްރީ ސީޑްލިންގް ޓެކްނިކަލް ޓްރެއިނިންގް" ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ވަފުދު ބައިވެރިވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މިނިސްޓްރީ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމަންޓުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ އޮފިޝަލުންނާއި، ދިވެހި ވަފުދުގެ އެހެނިހެން މަންދޫބުން ޗައިނާގެ ފޫޖިއަން ޕްރޮވިންސްގައި ފެށި "ފޮރެސްޓްރީ ސީޑްލިންގ ޓެކްނިކަލް ޓްރެއިނިންގ" ޕްރޮގްރާމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެއްޖެއެވެ.

ޗައިނާގެ ފޫޖިއަންގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހި ވަފުދުގެ ބައިވެރިން ބައިވެރިވެފައިވަނީ، ގަސްގަހާގެހި އާލާކުރުމާއި، ގަސް އިންދުމުގެ ޒަމާނީ ފަންނީ ހުނަރުތައް ދަސްކޮށް، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޖަންގަލިތަކާއި ގަސްގަހާގެހި އިންދައި ބެލެހެއްޓުމުގެ ދާއިރާއިން ޢިލްމާއި ތަޖުރިބާ ޙިއްޞާކުރުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނުގެ ސަބަބުން، ރާއްޖޭގައި ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ޤާބިލުކަން ދިވެހި އޮފިޝަލުންނަށް ލިބިގެންދާނެއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ބައިނަލްއަޤްވާމީ ފެންވަރުގެ މިފަދަ ތަމްރީނުތަކުގައި ދިވެހި ފަންނީ ބޭފުޅުން ބައިވެރިވުމަކީ މަޝްރޫޢުގެ އަމާޒަށް ވާޞިލުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
