logo
banner image

ސީބީޑީ ކޮޕް17 ގެ ހަވާސާގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް، އައި.ޔޫ.ސީ.އެން ގެ ޑިރެކްޓަރ ޖެނެރަލްއާ ބައްދަލުކުރައްވައިފި

ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީބީޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް17) ގެ ހަވާސާގައި، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މުޙައްމަދު ފާއިޒް، އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ގްރެތަލް އަގުއިލަރއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދިރޭތަކެތީގެ ނަސްލުތަކާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ދެފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން، ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތަކުގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުމަށް އެޅޭ އެހެނިހެން ފައިދާހުރި ފިޔަވަޅުތައް ނުވަތަ "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަވޭޝަން މެޝަރސް" (އޯ.އީ.ސީ.އެމް) މެދުވެރިކޮށް، ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކުރުން ހަރުދަނާކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، ޤައުމީ ފެންވަރުގައި ތިމާވެށި ޙިމާޔަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމާއި، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ މާލީ އެހީތެރިކަން އަވަހަށް އަދި ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަކީ ދިވެހިރާއްޖޭގެ ޤުދުރަތީ ވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެކެވެ.