'ޔެރެވަން ގްލޯބަލް އޯ.އީ.ސީ.އެމް އެކްޝަން ހަބް' އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ފާއިޒް ބައިވެރިވެވަޑައިގެންފި
ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (#CBDCOP17) ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، 'ޔެރެވަން ގްލޯބަލް އޯ.އީ.ސީ.އެމް އެކްޝަން ހަބް' ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ސްޓޭޓް މިނިސްޓަރ އޮނަރަބަލް މުޙައްމަދު ފާއިޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަބަކީ އަރްމީނިއާ ސަރުކާރުގެ އިސްނެގުމުގެ މަތިން، ސީ.ބީ.ޑީ (ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ) ސެކްރެޓޭރިއަޓާއި، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ) އަދި އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) ގުޅިގެން ޤާއިމުކުރި މުހިންމު މަރުކަޒެކެވެ.
'ޔެރެވަން ގްލޯބަލް އޯ.އީ.ސީ.އެމް އެކްޝަން ހަބް' އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ، ރަސްމީކޮށް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ބޭރުން، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީގެ މަންފާ ލިބިދޭނެ ފަދަ ގޮތަކަށް ބަލަހައްޓަމުންދާ ސަރަޙައްދުތައް ނުވަތަ 'އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަވޭޝަން މެޝާރސް' (އޯ.އީ.ސީ.އެމް) ދެނެގަތުމަށް ޤައުމުތަކަށް އެހީތެރިވުމެވެ. މީގެއިތުރުން، މިފަދަ ސަރަޙައްދުތައް ހިންގާ ބަލަހައްޓާ ގޮތް މޮނިޓަރކޮށް، އެކަންކަމާ ގުޅޭ މަޢުލޫމާތު ރިޕޯޓްކުރުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ބޭނުންވާ ފަންނީ އަދި ޢިލްމީ އެހީތެރިކަން މި ހަބް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ދިރުންތަކުގެ ނަސްލުތައް ހިމާޔަތްކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަންނަނީ އަބަދުވެސް އިސްދައުރެއް އަދާކުރަމުންނެވެ. އެގޮތުން، މި ހަބް ވުޖޫދަށް އައުމަކީ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ޖަޒީރާ ޤައުމުތަކުގެ ކަނޑާއި ފަޅުގެ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމެކެވެ.
