logo
banner image

ޕްލާސްޓިކް ތަޣައްޔަރުވުން ހުއްޓުވުމާ ގުޅޭ މަތީ ފެންވަރުގެ ވަޒީރުންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ބައިވެރިވެވަޑައިގެންފި

ކަނޑުތަކާއި ތިމާވެއްޓަށް އެޅޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކުރިމަތިވާ ތަޣައްޔަރުވުން ހުއްޓުވުމާ ގުޅޭގޮތުން ބޭއްވި މަތީ ފެންވަރުގެ ވަޒީރުންގެ ބައްދަލުވުމެއްގައި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް މުޙައްމަދު ފާއިޒް ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ #CBDCOP17 ގެ ހަވާސާގައި، ޕްލާސްޓިކް ޕޮލިއުޝަނާ ގުޅޭ އިންޓަރގަވަރމެންޓަލް ނެގޯޝިއޭޓިންގ ކޮމިޓީ (އައި.އެން.ސީ) ގެ މަސައްކަތްތަކާ ގުޅުވައިގެން ބޭއްވުނު ޚާއްޞަ އިވެންޓެކެވެ.

މި އިވެންޓަކީ ޕްލާސްޓިކް ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި ޤާނޫނީ ގޮތުން ބާރުލިބޭ ބައިނަލްއަޤްވާމީ މުޢާހަދާއެއް އެކުލަވައިލުމަށް ކުރެވެމުންދާ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި ހުރި މަގުތަކާ މެދު ވިސްނައި، ޚިޔާލު ބަދަލުކުރުމަށް ލިބުނު މުހިންމު ނުރަސްމީ ޕްލެޓްފޯމެކެވެ.

ޚާއްޞަކޮށް ކަނޑުގެ މާޙައުލަށް ޕްލާސްޓިކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއި، މި މައްސަލައިގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ ގުޅޭގޮތުން ސްޓްރެޓީޖިކް ފެންވަރުގައި ވާހަކަދައްކައި، ޤައުމުތަކުގެ މެދުގައި ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު މި ބައްދަލުވުމުގެ ތެރެއިން ވަނީ ފަހިވެގެން ގޮސްފައެވެ.

ދިވެހިރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮންނަ ޖަޒީރާ ޤައުމަކަށް ވުމާއެކު، ކަނޑުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި ޕްލާސްޓިކްގެ ނުރައްކަލުން ތިމާވެށި ސަލާމަތްކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް މުހިންމު ދައުރެއް އަދާކުރެއެވެ.