2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިފި
ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ބަޖެޓެއް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު، ޙަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާ ބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. މި ބަޖެޓު ބިނާކޮށްފައިވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ތަސައްވަރު ހާސިލުކުރެވޭނެ ގޮތަށެވެ.
ހުށަހެޅުނު ބަޖެޓުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ ކަމަށްވާއިރު، މީގެ ތެރޭގައި ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަދި ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން 2027 ވަނަ އަހަރު ރެވެނިއުގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ. އަންނަ އަހަރުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ދައުލަތުން ނަގާ އެއްވެ ޓެކުހެއް މަތިނުކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވަމުން، ޓެކުހުގެ ނިޒާމު ހަރުދަނާކޮށް، 01 ޖަނަވަރީ 2027 އިން ފެށިގެން ޖީ.އެސް.ޓީ (GST) އަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށް، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތަކަށް 3 ބިލިއަން ރުފިޔާ އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމަށް ދޫކުރާ ލޯނު ސްކީމްތަކުގެ އިކުއިޓީއަށް 750 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. އަދި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ތަޢުލީމީ ދާއިރާއިން ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ އަދި މަތީ ތައުލީމުގެ ލޯނު ފެސިލިޓީއަށް 651 މިލިއަން ރުފިޔާ ހަމަޖައްސާފައިވެއެވެ.
މި ބަޖެޓުގައި އިޤްތިޞާދީ މުހިންމު އެކި މަޝްރޫޢުތަކަށް ވަނީ ފުޅުދާއިރާއެއްގައި އަލިއަޅުވާލާފައެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، މިހާރު މާލޭގައި އޮތް 5 ހެކްޓަރުގެ ބިމާއި 101 މީޓަރުގެ ކީވޯލްގެ ބަދަލުގައި ތިލަފުށީގައި 60 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި 1.4 ކިލޯމީޓަރުގެ ކީވޯލްއަކާއެކު ބައިނަލްއަޤްވާމީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރެވެމުންދެއެވެ. އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން މި މަޝްރޫޢު ނިންމައި ބަނދަރު އޮޕަރޭޝަނަލައިޒް ކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމަށްވާއިރު، މީގެ ސަބަބުން ކޮންޓެއިނަރު ޖާގަ 390,000 އަށް އަރައި، މުދާ ބާލަން ހޭދަވާ 9 ދުވަހާއި 14 ދުވަހުގެ ދިގު އިންތިޒާރު އެންމެ 3 ދުވަހަށްވުރެ ކުރު މުއްދަތަކަށް އަވަސްވެ، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެއެވެ. އަދި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ނުވަތަ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމައި އަންނަ 2027 ވަނަ އަހަރުގެ ނިޔަލަށް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ މުޅި ސަރަޙައްދުގެ ލޮޖިސްޓިކްސްއަށާއި ވިޔަފާރީގެ ހަރަކާތްތަކަށް ބޮޑު ލުޔެއް ގެނެސްދޭނެ ކަމެކެވެ.
ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި 2027 ވަނަ އަހަރު "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ކަނޑައަޅައި ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ގެނައަށް އަމާޒުހިފާފައިވާއިރު، 2028 ވަނަ އަހަރުގެ ނިޔަލަށް އުފައްދާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް "މޯލްޑިވްސް ސޯލާ ޑިވެލޮޕްމަންޓް އެންޑް އެނާޖީ ސްޓޯރޭޖް ސޮލިއުޝަންސް ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ ދަށުން 250 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ހަކަތަ ރައްކާކުރުމުގެ ނިޒާމުތައް ޤާއިމުކުރެވޭނެ ކަމަށާއި، މީގެ ސަބަބުން އަހަރެއްގެ މައްޗަށް ތެޔޮ ގަންނަ މިންވަރުން 120 މިލިއަނާއި 130 މިލިއަން ލީޓަރު މަދުކުރެވި، ތެލަށް ކުރާ ޚަރަދާއި ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މަސްވެރިކަން ފުޅާކުރުމަށް 2027 ވަނަ އަހަރު އިތުރު 11,400 ޓަނުގެ ސްޓޯރޭޖާއި، ދުވާލަކު 550 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ހުޅުމާލޭގައި ބޮޑުކަންނެލި ޕެކިންގ ފެސިލީޓީއެއް ޤާއިމުކުރެވިގެންދާނެއެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ މި ބަޖެޓަކީ، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ތަސައްވަރު ހާސިލުކުރުމުގެ ބިންގާ ކަމަށާއި، މިއީ މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މާލީ ވަޒީރު، ޙަސަން ޒަރީރު ފާހަގަކުރެއްވިއެވެ.
