ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި
ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު ބޭއްވުނު އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި، އިންވެސްޓްމަންޓް އިތުރުކުރުމާއި، ދިރާސާކުރުމާއި އައު އީޖާދުތައް ތައާރަފުކުރުމާއި، ދަނޑުވެރިކަން ކުރިއެރުވުމާއި، މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގެ އިތުރުން، ޒަރޫރީ މުދާ ފޯރުކޮށްދިނުމާއި ލޮޖިސްޓިކްސްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފަސް ފަހުމުނާމާއެއްގައި (އެމް.އޯ.ޔޫ) ސޮއިކޮށްފިއެވެ.
ސޮއިކުރެވުނު ފަސް ފަހުމުނާމާއަކީ:
1. ސާންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް އާއި، ސާންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯ އަދި ރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާ ދެމެދު ވެވުނު ފަހުމުނާމާ.
2. ދިވެހިރާއްޖޭގައި ދިރާސާކުރުމާއި، އީޖާދާއި، ތަމްރީނާއި އަދި ދަނޑުވެރިކަމުގެ ޑެމޮންސްޓްރޭޝަން ސެންޓަރެއް ގާއިމުކޮށް ތަރައްގީކުރުމަށް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ދެމެދު ވެވުނު ފަހުމުނާމާ.
3. ރާއްޖޭގެ ގަނޑުކުރި މުޅި މަސް ޗައިނާއަށް އެކްސްޕޯޓްކުރުމަށް ބޭނުންވާ ތަކެތި ހޯދުމާ ގުޅޭގޮތުން ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާ ދެމެދު ވެވުނު ފަހުމުނާމާ.
4. ކާޑުގެ ބާވަތްތަކާއި ޒަރޫރީ މުދާ ފޯރުކޮށްދިނުމަށާއި، ގުދަންކުރުމާއި ލޮޖިސްޓިކްސްގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި، ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީ ލިމިޓެޑް އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނާ ދެމެދު ވެވުނު ފަހުމުނާމާ.
5. ރާއްޖޭގައި އުފައްދާ ފިޝްމީލް ޗައިނާއަށް އެކްސްޕޯޓްކުރުމަށް ބޭނުންވާ ތަކެތި ހޯދުމާ ގުޅޭގޮތުން ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީ ލިމިޓެޑާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު ފަހުމުނާމާ.
