logo
banner image

ޗައިނާ-މޯލްޑިވްސް އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މިނިސްޓަރު އަލިއަޅުއްވާލައްވައިފި

މި އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު މާލޭގައި ބޭއްވުނު "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް 2026" ގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އަލިއަޅުއްވާލައްވައިފިއެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ސިނަމާލެ ބްރިޖާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފަދަ އުމްރާނީ ތަރައްޤީގެ ބޮޑެތި މަސައްކަތްތަކުގައި ޗައިނާއިން ވެދީފައިވާ އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒަޢާމަތުގައި، 2024 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އަކަށް މަތީ ދަރަޖައަކަށް އުފުލިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

1 ޖަނަވަރީ 2025 ގައި ޢަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އިޝާރާތް ކުރައްވައި، މި އެއްބަސްވުމުގެ ދަށުން ލިބިދޭ ފުރުޞަތުތަކުގެ ބޭނުން ހިފައި، ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމާއި، މާކެޓް އެކްސެސް ފުޅާކުރުމުގެ އިތުރުން އައު ވިޔަފާރި ގުޅުންތައް ޤާއިމުކުރުމުގެ މުހިންމުކަމަށް މިނިސްޓަރު ބާރުއެޅުއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ އުންމީދީ ދާއިރާތަކުގެ ތެރޭގައި މަސްވެރިކަން، ދަނޑުވެރިކަން، ޒަމާނީ ޓެކްނޮލޮޖީ، އައު ހަކަތަ، ޑިޖިޓަލް މާލީ ޚިދުމަތްތައް އަދި ފަތުރުވެރިކަން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފޯރަމްގެ ބައިވެރިން ޚިޔާލު ބަދަލުކޮށް، ދެފަރާތުންވެސް ޝައުޤުވެރިވާ ކަންކަން ދެނެގަނެ، ޢަމަލީ ގޮތުން ފެންނަން ހުރި ނަތީޖާތަކެއް ޙާޞިލުކުރެވޭނެ ފަދަ ވިޔަފާރި ގުޅުންތައް ޤާއިމުކުރުމަށް މިނިސްޓަރު ބާރުއެޅުއްވިއެވެ.