ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޓީމުން ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ޓީމުން މިނިސްޓްރީ އޮފް ޑިފެންސްގެ އިސްވެރިންނާ މިއަދު ބައްދަލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވުނު މި ބައްދަލުވުމުގައި، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާއި ޑިފެންސް މިނިސްޓްރީ ގުޅިގެން، ފުޅާ ދާއިރާއެއްގައި ގަސް އިންދުމުގެ ޚާއްޞަ ބޮޑު ހަރަކާތެއް ބޭއްވުމާ ގުޅޭގޮތުން ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ. ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ފެހިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ބޮޑު ހަރަކާތް ރޭވުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.

މީގެއިތުރުން، މި ޤައުމީ މުހިންމު މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދިފާޢީ ވުޒާރާއާއި މި މަޝްރޫޢުގެ ޓީމު ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާ މެދުވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މި މަޝްރޫޢަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިސްކަންދީގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ވަރަށް މުހިންމު ޤައުމީ މަޝްރޫޢެކެވެ.
