logo
banner image

ކޮޕް17 ގެ ހަވާސާގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ޖަޕާނުގެ އެންވަޔަރަންމަންޓް ސްޓޭޓް މިނިސްޓަރާ ބައްދަލުކުރައްވައިފި

ކޮޕް17 (COP17) ބައްދަލުވުމުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ދައުލަތުގެ ވަޒީރު އޮނަރަބަލް މުޙައްމަދު ފާއިޒް، ޖަޕާނުގެ އެންވަޔަރަންމަންޓް ސްޓޭޓް މިނިސްޓަރ ޑރ. މިޓްސުބަޔާޝީ ހިރޯއާކީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ގޮނޑުދޮށްތައް ބެލެހެއްޓުމުގެ މަޝްރޫޢުތަކާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، އިންސާނީ ވަސީލަތް ބިނާކުރުމުގެ ދާއިރާއިން ރާއްޖޭގެ ތާބަދުކަން (resiliency) އިތުރުކުރުމަށް ޖަޕާނު ސަރުކާރުން މެދުނުކެނޑި ފޯރުކޮށްދެމުންދާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ފަރާތުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވަނީ ޖަޕާނަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ '3030'x ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި، 'އޯ.އީ.ސީ.އެމް' (OECMs) ތަންފީޒުކުރުމުގައާއި، މުޅި މުޖުތަމަޢު ބައިވެރިވާ ފަދަ ނިޒާމެއްގެ ތެރެއިން މި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދެ ޤައުމަށް ލިބިފައިވާ ތަޖުރިބާތައް މި ބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފައެވެ.

ހަމައެއާއެކު، ތިމާވެށީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތައް ދެނެގަނެ، 'ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް' (KMGBF) ފުރިހަމައަށް ތަންފީޒުކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެ، ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ އަޒުމް ރާއްޖެއާއި ޖަޕާނުން ވަނީ މި ބައްދަލުވުމުގައި އައުކުރައްވާފައެވެ.