ހައި އެމްބިޝަން ކޯލިޝަންގެ މިނިސްޓީރިއަލް ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ފާއިޒު ތަޤުރީރު ކުރައްވައިފި
އަރމީނިއާގެ ޔެރެވަންގައި މިހާރު ކުރިއަށްދާ ސީބީޑީ ކޮޕް-17 (CBD COP17) ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ހައި އެމްބިޝަން ކޯލިޝަން ފޯ ނޭޗަރ އެންޑް ޕީޕަލްގެ މިނިސްޓީރިއަލް އިންޓަނޭޝަނަލް ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސްޓޭޓް މިނިސްޓަރު ޢިއްޒަތްތެރި މުޙައްމަދު ފާއިޒު ތަޤުރީރު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެއްގަމާއި ކަނޑުގެ ސަރަޙައްދުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ '3030'x ލަނޑުދަނޑި ހާސިލުކުރުމަށް ދިވެހިރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކުގެ މައްޗަށް ސްޓޭޓް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، 'ރެޕިޑް ޑިޕްލޮއިމަންޓް މެކޭނިޒަމް' ފަދަ ނިޒާމުތަކުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ކަނޑައަޅާފައިވާ ތިމާވެށީގެ އަމާޒުތައް ޢަމަލީ ގޮތުން ހާސިލުކުރުމަށްޓަކައި، މިފަދަ ނިޒާމުތަކުގެ ޒަރީޢާއިން ދަނޑިވަޅަށް ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއެކު ލިބިގެންދިއުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
